މެކްސިކޯގެ އެއާޕޯޓެއްގައި އިން ޕެކޭޖެއްގެ ތެރެއިން އިންސާނުންގެ ހަތަރު ބޮލުގެ ނާށިގަނޑު ފެނިފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ނޭޝަނަލް ގާޑުން ނެރުނު ބަޔާނެއްގައި ބުނީ މެކްސިކޯގެ މެދުތެރޭގެ ކުއެރެޓާރޯ އިންޓަކޮންޓިނެންޓަލް އެއާޕޯޓުގައި ހުރި ކާޑްބޯޑް ފޮއްޓެއްގެ ތެރެއިން އިންސާނުންގެ ބޮލުގެ ނާށިގަނޑުތައް ފެނިފައި ވަނީ އެލުމިނިއަމް ފޮއިލްގައި އޮޅާލާފައި އޮއްވާ ކަމަށެވެ.

މުވައްޒަފުން އެ ތަކެތި ފެނުމާއެކު ފުލުހުންގެ އޮފިސަރުން އެއާޕޯޓަށް ގެނެސްފައި ވެއެވެ.

މި ޕެކޭޖަކީ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ މިޗޯއާކަން އިން ފޮނުވި ޕެކޭޖެއް ކަމަށާއި، އެ ޕެކޭޖްގެ އެޑްރެސް އަކަށް ލިޔެފައި ވަނީ ސައުތު ކެރޮލައިނާގެ މެނިންގގެ އެޑްރެސްއެއް ކަަމަށް ބުނެފައި ވެއެވެ.

އިންސާނުންގެ ހަށިތައް ފޮނުވި މީހުންނަކީ ކޮން ބައެއް ކަމާއި އަދި މިއީ ކޮން މަގުސަދެއްގައި ފޮނުވި އެއްޗެއް ކަން ނޭޝަނަލް ގާޑުން ހާމަ ކޮށްފައެއް ނުވެއެވެ.

އިންސާނުންގެ ހަށިތައް ބަދަލުކުރުމަށް އެކަށީގެންވާ ސިއްހީ އިދާރާއެއްގެ ހާއްސަ ހުއްދައެއް ބޭނުންވާ ކަމަށާއި އެ ހުއްދަ ހޯދާފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.