ސެނެގާލްގެ ގާނޫނު ހަދާ މަޖިލީހުގައި ބަޖެޓާ ގުޅިގެން ކުރިއަށް ދިޔަ ބަހުސެއް ހޫނުވެ، މާބަނޑު މެމްބަރެއްގެ ބަނޑުގައި ޖެހި އިދިކޮޅުގެ ދެ މެމްބަރުން ހަ މަހަށް ޖަލަށް ލައިފިއެވެ.

އެމީ އެންޑިއާޔޭ އަށް މަޖިލީހުގެ ދެ މެމްބަރުން ހަމަލާދީފައިވަނީ، އޭނާ އިދިކޮޅުގެ ދީނީ ފަރާތަކަށް ފާޑުކިޔާ ވާހަކަ ދެއްކުމުންނެވެ.

އެންޑިއާޔޭއަށް ދިން ހަމަލާގެ ބަދަލެއްގެ ގޮތުން ފަސް މިލިއަން ސީއެފްކޭ ފްރޭންކް (8100 އެމެރިކާ ޑޮލަރު) ދިނުމަށްވެސް ފަނޑިޔާރު ވަނީ އެންޑިއާޔޭ ގެ ގައިގައި ޖެހި މަމަޑޫ ނިއާންގް އަދި މަސަާޓާ ސަމްބް ގެ މައްޗަށް އަމުރު ކޮށްފައެވެ.

މި މަހުގެ އެއް ވަނަ ދުވަހު މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސްގެ ތެރެއިން ސަމްބު އެންޑިއާޔޭ ކައިރިއަށް އައިސް، އޭނާގެ މޫނުމަތީގައި ޖަހާ މަންޒަރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެނެއެވެ. އެއަށްފަހު އޭގެ ރައްދުގައި އެންޑިއާޔޭ ދުވެފައި ގޮސް ގޮނޑިއެއް އެއްލައެވެ. ނަމަވެސް އެވަގުތު އެހެން ފިރިހެން މެމްބަރަކު އައިސް ފައިން އޭނާގެ ބަނޑުގައި ޖަހާ މަންޒަރު ފެނެއެވެ.

އެއަށްފަހު މަޖިލީސްތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ. އަދި ބައެއް މެމްބަރުން ހާލަތު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން ދިޔަ ތަންވެސް ވަނީ ފެނިގެން ގޮސްފައެވެ.

ވެރިކަން ކުރާ ބެންނޯ ބޮކް ޔަކާރް ކޯލިޝަން ގެ މެމްބަރެއް ކަމަށްވާ އެންޑިއާޔޭ ހަމަލާއަށްފަހުގައި ހޭނެތިފައިވާ ކަމަށާއި، އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުން ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބީބީސީ އިން ވަނީ ރިޕޯޓްކޮށްފައެވެ.

"މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވިޔަސް، އޭނާ ހުރީ އުނދަގޫ ހާލަތެއްގައި" ކަމަށް އެންޑިއާޔޭގެ ވަކީލު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ވީޑިއޯ ހެކި ހުރިނަމަވެސް އެންޑިއާޔޭގެ ގައިގައި ޖެހި ދެ މެމްބަރުންގެ ވަކީލުން ވަނީ އެމީހުން އެންޑިއާޔޭއަށް ޖިސްމާނީ ހަމަލާއެއް ނުދޭކަމަށް ކޯޓުގައި ވަކާލާތުކޮށްފައެވެ. އަދި މެމްބަރުންނަށް ދައުވާއިން ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށްވެސް ވަކީލުން ވަނީ ބުނެފައެވެ.

ނަމަވެސް ކޯޓުން ވަނީ އެ ދެ މެމްބަރުން ހަ މަސްދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އަދި ހުކުމް އިސްތިއުނާފު ކުރެވެންދެން އެމީހުން ތިބޭނީ ޖަލުގައި ކަމަށް ވަކީލުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އޮތް އިންތިހާބުގައި ސެނެގާލްގެ ސަރުކާރަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ގެއްލުމަށްފަހު، މަޖިލީހުގައި ވަރަށް ގިނައިން ހަމަނުޖެހުން ހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ.

    މި ޚަބަރުގައި އެންމެ ސަޅި ތަންކޮޅަކީ ބަނޑުގައި ޖަހައިފި ކަމުގެ ޚަބަރު އައިއިރު، ޖެހިމީހުންގެ މައްޗަށް ކޯޓުން ކުރި ޙުކުމްވެސް އެނގެން އޮތުން. މި ރާއްޖޭގައިނަމަ، އަދި އުޅޭނީ ކުއްވެރިންނަށް މުއްދަތު ޖަހާނީތޯ ދުކުރާނިތޯގައި.

  2. ފަތުހީ

    ރާއްޖޭގެ މަޖްލީހުގެ މެންބަރުން ލަދެއްނުގަނޭބާ؟