އެފްރިކާގެ ސެނެގާލްގައި ދެބަސް ޖެހި ހިނގި އެކްސިޑެންޓުގައި 38 މީހުން މަރުވެ 87 މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސެނެގާލްގެ އަވަށެއް ކަމަށްވާ ކެފްރިންގައި މިއަދު ހެނދުނު ހިނގި މިއެކްސިޑެންޓަކީ މިހާތަނަށް އެސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ. ކެފްރިންގައި އާންމުކޮށް އެކްސިޑެންޓުތައް ހިނގައެވެ. ނަމަވެސް މިއެކްސިޑެންޓް އެންމެ ނުރައްކާތެރި އަދި އެންމެ ހިތާމަވެރި އެކްސިޑެންޓަކަށްވީ، ގިނަ ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވުމުންނެވެ.

މިހާދިސާގައި ދެބަހުން ދަތުރުކުރި މީހުންގެ ތެރެއިން 38 މީހުން ވަނީ މަރުވެފައެވެ. އަދި 87 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާ ލިބުނު މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިފަދަ ހިތާމަވެރި ހާދިސާއެއް ދިމާވުމުން އެފްރިކަން ޔޫނިއަންގެ ޗެއަރޕާސަން މެކީ ސަލް ވަނީ ހިތާމަ ފާޅުކުރުމަށް މާދަމާއިން ފެށިގެން ތިން ދުވަސް ރަސްމީ ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާގެ މެސެޖް ފޮނުވާފައިވެއެވެ. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.

މެކީ ސަލް ބުނެފައިވަނީ ހިތާމަ ފާޅުކުރާ ތިން ދުވަސް ނިމި އޮފީސްތައް ހުޅުވުމުން މިމައްސަލަ އިތުރަށް ބަލައި މަގުމަތީގެ ރައްކާތެރި ކަމަށް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.

ސެނެގަލްގެ ޕްރޮސެކުޓަރ ބުނާ ގޮތުން 38 މީހުން ގަސްދުގައި މަރާލީއެވެ. އަދި މިއެކްސިޑެންޓަކީ ޕްލޭންކޮށްގެން ބަޔަކު މަރާލުމަށް ހިންގި އެކްސިޑެންޓެއް ކަމަށް ބުނެފައިވެއެވެ.

އޮކްޓޯބަރު 2020 ގައި ސެނެގާލްގައި ހަމަ މިގޮތަށް ބަހަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓުގައި 16 މީހަކު މަރުވެ 15 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.