ސެނެގާލްގެ އިިދިކޮޅު ލީޑަރ އޮސްމާން ސޮންކޯގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 'ޒުވާނުން ފަސާދަކުރުމުގެ' ކުށުގައި އޮސްމާން ޖަލަށް ލާން ސެނެގާލްގެ ކޯޓަކުން އަމުރުކޮށްފައިވެއެވެ. މި ހުކުމްގެ ސަބަބުން އޮސްމާންއަށް ކުރިއަށް އޮތް އަހަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިގެންދާނެއެވެ.

މިކަމާއި ދެކޮޅަށް އޮސްމާންއަށް ތާއީދުކުރާ މީހުން ވަނީ ނިމިދިޔަ ބުރާސްފަތި ދުވަހުގައި މުޒާހަރާއެއްވެސް ބާއްވާފައިއެވެ. އެ މުޒާހަރާގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގައި 9 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް "އަލް ޖަޒީރާ"އިން ރިޕޯޓްކޮށްފައިވެއެވެ.

އުސްމާންއަށް ތާއީދުކުރާ ކަމަށް ބެލެވޭ ބައެއް މީހުން ވަނީ މުޒާހަރާ ކޮންޓްރޯލްކުރުމަށް ދުރުވި ފުލުހުންނާއި ދިމާލަށް ގާ އުކާ، ބައެއް ބަސްތަކުގައި އަލިފާން ރޯކޮށްފައިއެވެެ.

މި ހަމަނުޖެހުމަށްފަހު، ސެނެގާލް ސަރުކާރުން ވަނީ މީސް މީޑިއާ ބޭނުންކުރުން ވަގުތީ ގޮތަކަށް އެ ޤައުމުގެ ރައްޔިތުންނަށް މަނާކޮށްފައިއެވެ. 2021 ވަނަ އަހަރުގައި ހިނގި ހަމަނުޖެހުމެއްގައިވެސް ސެނެގާލް ސަރުކާރުން ވަނީ މީސް މީޑިއާ ވަގުތީގޮތަކަށް ބޭނުންނުކުރެވޭ ގޮތަށް ހަދާފައިއެވެ.

އޮސްމާންއަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި އޭނާގެ މައްޗަށް ކޮށްފައިވާ މި ދައުވާއަކީ އޭނާއަށް އަންނަ އަހަރުގެ ފެބްރުވަރީ މަހުގައި ބާއްވާ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ކޮށްފައިވާ ހަގީގަތެއް ނެތް ދައުވާއެއް ކަމަށެވެ. އެހެން ނަމަވެސް، ސެނެގާލް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައިއެވެ.

އޮސްމާންގެ ޤާނޫނީ ވަކީލެއް ހާމަކޮށްފައިވާ ގޮތުގައި އޮސްމާންގެ ގައިރު ހާޒިރުގައި ކުރެވުނު ދައުވާގެ ސަބަބުން ހުކުމް އިސްތިއުނާފް ކުރުންވެސް ނާދިރު ކަމަށެވެ.

ސޮންކޯއަކީ 2019 ވަނަ އަހަރުގައި ބޭއްވުނު އިލެކްޝަންގައި ތިން ވަނައަށް އެންމެ ގިނަ ވޯޓުތައް ކާމިޔާބުކުރި ފަރާތެކެވެ.