ރަސްމީ އިވެންޓެއްގެ ތެރެއިން ދެކުނު ސޫދާން ގެ ރައީސް ސަލްވާ ކީރް ގެ ގަޔަށް ކުޑަކަމުދެވޭ ތަން ފެންނަ ވީޑިއޯ އާންމު ކުރި ކަމުގެ ތުހުމަތުގައި، އެގައުމުގެ 6 ނޫސްވެރިން ހައްޔަރުކޮށްފައިވާ ކަމަށް، ނޫސްވެރިންގެ ގައުމީ ޔޫނިއަން އިން ބުނެފިއެވެ.

މިދިޔަ ޑިސެމްބަރު މަހު އާންމުވި ވީޑިއޯ އިން ފެންނަނީ ރަސްމީ ހަފްލާއެއްގައި ގައުމީ ސަލާން ވިދާޅުވާން ކޮޅަށް ހުންނެވި ގަޑީގައި، 71 އަހަރުގެ ރައީސް ތުރުކުރައްވައިގެން ހުންނެވި އަޅި ކުލައިގެ ފަޓްލޫނު ތެމެމުންދާ މަންޒަރެވެ. މި ވީޑިއޯ ޓީވީ ތަކުން ދުރަށް ދައްކާފައެއް ނުވެއެވެ. ނަމަވެސް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

މި މައްސަލައާއި ގުޅިގެން ގައުމީ ޓީވީގެ 6 ނޫސްވެރިން ވަނީ ހައްޔަރުކޮށްފައެވެ.

ދެކުނު ސޫދާންގެ ނޫސްވެރިންގެ ޔޫނިއަންގެ ރައީސް ބުނެފައިވަނީ ނޫސްވެރިން ހައްޔަރު ކޮށްފައިވަނީ އެ ވީޑިއޯ އާންމު ވީ ގޮތުގެ މައުލޫމާތު އެނގޭ ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.

ނޫސްވެރިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ކޮމިޓީން ދަނީ އެ ނޫސްވެރިން، އެއްވެސް ޝަރުތަކާއި ނުލާ މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އެ ކޮމިޓީގައި ސަބް ސަހާރަން އެފްރިކާ ތަމްސީލުކުރާ މުތޯކީ މޫމޯ ބުނެފައިވަނީ "މިއީ އާންމުކޮށްފައިވާ މަންޒަރުތަކެއް އޮފިޝަލުންނަށް ކަމުނުދާ ކޮންމެ ފަހަރަކުވެސް، އެކަމާއި ގުޅިގެން ސިފައިން މީހުން ހައްޔަރު ކުރަމުންދާ ދިއުމުގެ އާންމު އާދައިގެ މަތިން" ކޮށްފައިވާ ކަމެއް ކަމަށެވެ.

ދެކުނު ސޫދާންގެ އިންފޮމޭޝަން މިނިސްޓަރު މައިކަލް މަކުއީ ވިދާޅުވީ ނޫސްވެރިން ހައްޔަރުކުރެވުނީ ކީއްވެކަން އެނގެންދެން އެންމެންވެސް އިންތިޒާރުކޮށްގެން ތިބުމަށެވެ.

ކީރް ބަލިކޮށް އުޅުއްވާ ވާހަކަތައް ވަރަށް ގިނައިން މީސްމީޑިއާގައި ދެކެވުނު ނަމަވެސް، ސަރުކާރުގެ އޮފިޝަލުން ވަނީ މި ވާހަކަތައް ތަކުރާރުކޮށް ދޮގު ކޮށްފައެވެ.

2011 ވަނަ އަހަރު ދެކުނު ސޫދާން މިނިވަންވީއްސުރެ، ކީރް ގެންދަވަނީ އެގައުމުގެ ވެރިކަން ކުރައްވަމުންނެވެ. އޭރުއްސުރެވެސް އެގައުމުން ދަނީ އަނިޔާވެރި ހަމަނުޖެހުންތަކާއި، ސިޔާސީ ހަލަބޮލިކަމާއި، ބަނޑުހައި ހޫނުކަން ފަދަ އެތައް ކަމެއް ތަހައްމަލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތި މައްސަލާގައި ހައްޔަރުކުރަންވީ ރައީސް މީހާ. އެންމެންގެ ތެރޭގައި ގަޔަށް ހީސްލީމާ އެންމެން އެވާހަކަ ދައްކާނެ. ފޮޓޯވެސްނަގާނެ. މަލާމާތްވެސްކުރާނެ

  2. އަލްޖިބްރާ

    ކުޑަކަމު ދެވުނުތަން ހާމަކުރުމުން އެމީހުން ހައްޔަރު ކުރީމަ ، އެއީ ނުވާކަމަކަށް ވާނެތަ ؟