ޓައިވާނާއި ޗައިނާއާ ދެމެދު މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް، ޗައިނާ އިން އަނެއްކާ ވެސް ޓައިވާނުގެ ކައިރީގައި އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ޗައިނާގެ މަދުވެގެން 28 އަސްކަރީ މަތިންދާ ބޯޓާއި، ހަތަރު ކަނޑު އުޅަނދު، ޓައިވާނާ ޗައިނާ ވަކި ކުރާ ނުރަސްމީ ރޮނގު ކަމަށްވާ ޓައިވާން ސްޓްރެއިޓްގެ މީޑިއަން ލައިން ހުރަސް ކޮށްފައިވާ ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޗައިނާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، "ވަކިވެގަންނަށް އުޅޭ ޓައިވާނުގެ ބާރުތަކާއި، އަދި ބޭރުގެ ބާރުތަކުން ބިރު ދެއްކުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ކުރިމަތިލުމަށްޓަކައި، ހަނގުރާމައިގެ ތަމްރީނުތަކެއް" އެގައުމުން ކުރިއަށް ގެންދިޔައީ ކަމުގައެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ޗައިނާއިން ޓައިވާނުގެ ސަރަހައްދަށް ވަނުމުން އެގައުމުގެ ވައި، ކަނޑު އަދި އެއްގަމުގައި ގާއިމުކޮށްފައިވާ މިސައިލް ސިސްޓަމްތައް އެކްޓިވޭޓް ކޮށްފައިވާނެ ކަމަށެވެ.

މިއީ ޗައިނާއިން މި ހަފްތާ ތެރޭގައި ޓައިވާނުގެ ކައިރިން އަސްކަރީ ބޯޓުތައް ދުއްވި ދެވަނަ ފަހަރެވެ.

ޗައިނާ އާއި ޓައިވާނުގެ ދޭތެރޭގައި މަސްރަހު އެންމެ ހޫނުވެގެން ދިޔައީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ މަޖިލީހުގެ ތިރީ ގޭގެ އޭރުގެ ރައީސް، ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތަށް ފަހުގައެވެ. އޭގެ ފަހުން ފާއިތުވި މަސްތަކުގައި ޗައިނާއިން ވަނީ ޓައިވާނުގެ ވަށައިގެން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުން އިތުރު ކޮށްފައެވެ.

މި ދެގައުމުގެ ދޭތެރޭގައި ހަމަނުޖެހުން އުފެދުމުގެ ހިރާސް ބޮޑު ކަމަށާއި، ނަމަވެސް ހަނގުރާމަ ނުކޮށް ފަރުޖެއްސިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވައިޓްހައުސްގެ ގައުމީ ސަލާމަތާއި ބެހޭ އެޑްވައިޒަރު ޖޭކް ސުލިވަން މި ހަފްތާ ވަނީ ވިދާޅުވެފައެވެ.

ޓައިވާނުގެ މައްސަލައަކީ ޗައިނާގެ މަސްލަހަތު އެންމެ ވަރުގަދައަށް ހިމެނޭ މައްސަލަ ކަމާއި، ޗައިނާއާއި އެމެރިކާގެ ގުޅުމުގައި ހުރަސް ނުކުރަންވީ "ފުރަތަމަ ރަތް ރަޮނގު" ކަމަށް، މިދިޔަ ނޮވެމްބަރު މަހު، އިންޑޮނޭޝިއާގެ ބާލީގައި އޮތް ޖީ-20 ސަމިޓްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ވިދާޅުވެފައެވެ.

ނަމަވެސް އެމެރިކާއިން ޓައިވާނަށް އަސްކަރީ އެހީތައް ދީ ޗައިނާ ރުޅިއަރުވަމުންދާތީ، އެމެރިކާ އާއި ޗައިނާގެ ގުޅުންތައް އޮންނަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.