އަވަށްޓެރި ސްރީލަންކާގެ ކޮލޮމްބޯގައި ޒުވާން އަންހެނެއްގެ ކަރުބުރިކޮށް މަރާލައިފި އޮއްވާ ފެނިއްޖެއެވެ.

މަސްދަރުތަކާއި ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ، މަރާލާފައި އޮއްވާ ފެނިފައިވަނީ އުމުރުން 23 އަހަރުގެ އަންހެނެއް ކަމަށެވެ.

ނޫސްތަކުން ބުނާ ގޮތުގައި އެއަންހެން މީހާގެ ހަށިގަނޑު ފެނުނީ މީގެ ކުޑައިރުކޮޅެއް ކުރިން ކޮލޮމްބޯ 7 ގެ ރޭސް ކޯސް ގްރައުންޑުގެ ތެރެއިންނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން މަރާލުމަށްފަހު ރޭސް ކޯސް ގްރައުންޑުގެ ސްކޯބޯޑު ކައިރިއަށް އަންހެން މީހާގެ ހަށިގަނޑު އެއްލާލާފައި އޮއްވާ ފެނުނުއިރު، ކަރު އޮތީ ބުރިކޮށްލާފައެވެ. އަދި ހަށިގަނޑުގެ އެހެން ތަންތަނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައި ހުރި ކަމަށް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

މިއަންހެން މީހާ ނިސްބަތް ވަނީ ކޮލޮމްބޯ ޑިސްޓްރިކްޓްގެ އިރުދެކުނުގައި އޮންނަ ހޯމާގަމައަށް ކަމަށް ނޫސްތަކުން ބުނެއެވެ.

އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މިއަންހެން މީހާގެ މަރުގެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާއިރު، މިހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ލަންކާގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ނިންމާފައެވެ.

ގިނަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުން އަންނަ ލަންކާއަކީ އާބާދީގެ ނިސްބަތުން މިފަދަ މައްސަލަތައް މަދު ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައިނީސް

    ލަންކާ އަމާނެއްނޫން މީ ވޭތުވެދިޔަ 6މަސް ތެރޭ މިކަހަލަ ގޮތަކަށް މަރާލި 3ވަނަ މީހާ

    35
    1