މޮރޮކޯގައި އެމެރިކާގެ އަސްކަރީ އިންޑަސްޓްރިއަލް ބޭސްއެއް ގާއިމުކުރުމުގެ އިމަޖެންސީ ޕްލޭނެއް ތައްޔާރު ކުރުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޑިފެންސް ސެކްޓްރީ ލޮއިޑް އޮސްޓިންއަށް އަންގަވައިފި ކަމަށް އެމެރިކާގެ ނިއުޔޯކް ޑެއިލީ ނޫހުން ރިޕޯޓް ކޮށްފިއެވެ.

މި ޕްލޭން ހުށައަޅުއްވާފައި ވަނީ،، މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެމެރިކާގެ އިސްވެރިން ބޭއްވި ބައްދަލުވުމެއްގައި، އެމެރިކާގެ އާ ބައިނަލްއަގުވާމީ އަސްކަރީ ރޭވުންތަކާއި މެދުގައި، ބައިޑަން އާއި އޮސްޓިން ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައި ވެއެވެ.

މޮރޮކޯގައި އެމެރިކާގެ އަސްކަރީ ދާއިރާ އިން ކުރާ އިންވެސްޓްމެންޓް ތަކާއި ބެހޭ ގާނޫނީ އަދި އިދާރީ ކަންތައްތައް، އެމެރިކާގެ ޑިފެންސްގެ މައި އިދާރާ، ޕެންޓަގަން ލައްވާ އަވަސްކުރުވުމަށް ބައިޑަން ވަނީ އޮސްޓިން އަށް އަންގަވާފައެވެ. މިކަމުގެ މަގުސަދަކީ، މޮރޮކޯގެ އަސްކަރީ ގާބިލުކަން ވަރުގަދަކުރުމުގެ ތެރެއިން، ނިރުބަވެރިކަމާއި ދެކޮޅަށް މޮރޮކޯއިން އަދާ ކުރާ ދައުރު ފުޅާކުރުމާއި، ބައިނަލްއަގުވާމީ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި މޮރޮކޯގެ ދައުރު ހިމެނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ޒިމްބާބުވޭ، ސޫދާން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އަލްޖީރިއާ އަދި ސާހިލް އަދި ސަހާރާ ގައުމުތައް ހިމެނޭހެން އެފްރިކާގައި އިތުރުވަމުންދާ ރަޝިއާގެ ނުފޫޒާއި ބެހޭ ގޮތުގެ ތަފްސީލީ ރިޕޯޓެއް، އޮސްޓިން އާއި ބައްދަލުކުރެއްވުމުގެ ކުރިން އެމެރިކާގެ އިންޓެލިޖެންސް އިދާރާ، ސީއައިއޭ އިން ވަނީ ބައިޑަންއަށް އަރުވާފައެވެ.

ރަޝިއާއިން އަލްޖީރިއާގެ ސަރުކާރަށް ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުންވެސް ތާއީދުކުރާކަން ހާމަކޮށް، ސަހާރާ ސަހަރާ ގެ ދެކުނުގައި އޮންނަ ގައުމުތަކާއިވެސް ގުޅުން ބަދަހިކުރެވޭނެ ބޮޑު އިދާރީ މަރުކަޒެއް އެގައުމުގައި ގާއިމުކުރުމުގެ މަޝްވަރާ ތަކެއްވެސް ކުރެވެމުންދާކަމަށް ސީއައިއޭގެ ރިޕޯޓުގައި ބުނެފައިވާ ކަމަށްވެސް ނިއުޔޯކް ޑެއިލީ ނޫހުން ވަނީ ބުނެފައެވެ.

އެ ނޫހުން އިތުރަށް ބުނެފައިވަނީ " މިކަމުން އެމެރިކާއާއި އެ ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންގެ މަސްލަހަތަށް ނުރައްކާ ވާނެ" ކަމަށެވެ.