މިދިޔަ ހަފްތާގައި ވެއްޓުނު ނޭޕާލްގެ މަތިންދާބޯޓްގެ ކަޅުފޮއްޓާއި، ފްލައިޓް ޑޭޓާތައް އިތުރަށް ތަހްގީގު ކުރުމަށް ފްރާންސަށް ފޮނުވަން ނިންމާފައިވާ ކަމަށް ނޭޕާލްގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ވެއްޓުނީ ނޭޕާލްގެ ޔެޓީ އެއާލައިންގެ މަތިންދާބޯޓެކެވެ. އެއީ އޭޓީއާރް 500-72 މަރުކާގެ މަތިންދާބޯޓެކެވެ. މަތިންދާބޯޓް ވެއްޓުނުއިރު އެއިން ދަތުރު ކުރަމުން ދިޔަ 71 މީހުން ވަނީ މިހާދިސާގައި މަރުވެފައެވެ.

އޭޓީއާރް އަކީ ފްރާންސްގެ އެއާބަސް އާއި އިޓަލީވިލާތުގެ ލިއޮނާޑޯ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. އޭޓީއާރް މަތިންދާބޯޓުތަކުގެ މަގުބޫލުކަން ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.

މަތިންދާބޯޓް ވެއްޓުނު ހާދިސާ ތަހްގީގު ކުރުމަށް އުފައްދާފައިވާ ކޮމެޓީގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ވެއްޓުނު މަތިންދާބޯޓްގެ ކަޅުފޮށި ފްރާންސަށް ފޮނުވަނީ މަތިންދާބޯޓު އުފެއްދި ކުންފުނީގެ ތަޖުރިބާކާރުން ބައިވެރިކޮށްގެން ތަހްގީގު ކުރިއަށް ގެންދިއުމަށް ކަމަށެވެ. ކަޅުފޮއްޓާއިއެކު ނޭޕާލްގެ ތަޖުރިބާކާރުން ވެސް ފްރާންސަށް ދަތުރު ކުރާނެ ކަމަށް ތަހްގީގު ކޮމެޓީން ބުނެއެވެ.

މިހަފްތާ ތެރޭގައި ކަޅުފޮށި ފްރާންސަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ.

1981 ވަނަ އަހަރު އުފެއްދި އޭޓީއާރް ކުންފުނީގެ މަތިންދާބޯޓުތަކުގެ 46 އެކްސިޑެންޓެއް މިހާތަނަށް ހިނގާފައި ވެއެވެ. އޭގެތެރޭގައި މަތިންދާބޯޓް ވެއްޓުމުގެ 29 ހާދިސާއެއް ހިމެނެއެވެ. މިހާދިސާތަކުގައި ޖުމްލަ 398 މީހަކު މަރުވެފައި ވެއެވެ.

ނޭޕާލްގެ މަތިންދާބޯޓް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ނޭޕާލް އަކީ މަތިންދާބޯޓް ވެއްޓުމުގެ ހާދިސާތައް ގިނަ ގައުމެކެވެ. އެގައުމުގެ އާލައިންތަކުން ޔޫރަޕަށް ދަތުރު ކުރުން ވެސް އޮންނަނީ މަނާ ކޮށްފައެވެ. އެއީ އެއާލައިންތަކުގެ ސަލާމަތީ ފިޔަވަޅުތައް ދަށްކަމުންނެވެ.