ސްވިޑެން ނޭޓޯ އަށް ވެއްދުމާއި ދެކޮޅު ހެދިޔަސް، ފިންލެންޑް ނޭޓޯގައި ބައިވެރިކުރަން އެއްބަސް ވެވިދާނެ ކަމުގެ ސިގްނަލެއް ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ދެއްވައިފިއެވެ.

އުރުދުޣާން މިފަދަ ސިގްނަލެއް ދެއްވާފައިމިވަނީ، ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ހަރުކަށި ކަނާތު ފިޔައިގެ ސިޔާސީ ލީޑަރެއް ގުރުއާން ހަތިމެއް އަންދާލުމާއި ގުޅިގެން، ފިންލެންޑާއި ސްވިޑެން ނޭޓޯއަށް ވެއްދުމާއި ބެހޭ މަޝްވަރާތައް އެ ދެގައުމާއެކު ކުރުން ހުއްޓާލުމަށް ފަހުގައެވެ.

"ފިންލެންޑުގެ ނޭޓޯ އެދުމަށް އަހަރެމެން ތަފާތު މެސެޖެއް ދިނުން އެކަށީގެންވޭ، އަދި އަހަރެމެންގެ މެސެޖު ފެނުމުން ސްވިޑެންއަށް ހައިރާންކަން ލިބޭނެ. އެކަމަކު ސްވިޑެން އިން ހެދި ގޯސް ފިންލެންޑުން ހަދައިގެން ނުވާނެ." އިއްޔެ ދެއްވި ތަގުރީރެއްގައި އުރުދުޣާން ވިދާޅުވެފައިވެއެވެ.

އަސްކަރީ ގޮތުން އެހެން ބަޔަކާއި ނުގުޅެން ގެންގުޅުނު ތާރީހީ ސަގާފަތް ދޫކޮށްލުމަށްފަހު، ރަޝިއާ-ޔުކްރޭނު ހަނގުުރާމައާއި ގުޅިގެން ނޭޓޯ އާއި ގުޅެން ސްވިޑެން އާއި، ފިންލެންޑު މިދިޔަ އަހަރު ހުށައަޅާފައިވާ ހުށައެޅުމަށް ރަސްމީގޮތުން ތާއީދުކޮށްފައި ނުވަނީ ނޭޓޯގެ 30 މެމްބަރުންގެ ތެރެއިން ހަމައެކަނި ތުރުކީވިލާތުންނާއި ހަންގޭރީންނެވެ.

ނަމަވެސް ހަންގޭރީގެ ގާނޫނު ހަދާ މަޖިލީހުން، އަންނަ މަހު އެ ހުށައެޅުން ރަސްމީ ގޮތުން ބަލައިގަތުމަށް ފާސްކުރާނެ ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބަން ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ކުރިންވެސް އުރުދުޣާންގެ މައިގަނޑު ޝަކުވާއަކީ ތުރުކީ ވިލާތުން ނިރުބަވެރިންގެ ގޮތުގައި ކަނޑައަޅާފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ގެ މެމްބަރުންނާއި، 2016 ގައި ނާކާމިޔާބު ބަޣާވާތެއްގެ ބައިވެރިން ކަމަށް ތުރުކީން ކަނޑައަޅާފައިވާ ފަރާތްތަކެއް ސްވިޑެންއިން ތުރުކީއާއި ހަވާލުކުރަން ދެކޮޅު ހެދުމެވެ.

އިއްޔެ ވެސް އުރުދުޣާން ވަނީ ސްވިޑެންގައި ތިބި 120 ވަރަކަށް ފަރާތް ތުރުކީ އާއި ހަވާލުކުރުމަށް ގޮވާލައްވާފައެވެ.

"ކަލޭމެން ނޭޓޯ އާއި ކޮންމެހެންވެސް ގުޅެން ބޭނުންނަމަ، މި ނިރުބަވެރިން އަހަރެމެންނާއި ހަވާލުކުރާނެ." އުރުދުޣާން ވިދާޅުވެފައިވެއެވެ.

ސްވިޑެންގެ ބޮޑު ވަޒީރު އުލްފް ކްރިސްޓަރސަން ވިދާޅުވެފައިވަނީ ނޭޓޯ އާއި ގުޅޭ މަޝްވަރާތައް ތުރުކީއާއި އެކު އަލުން ފައްޓަވަން ބޭނުންފުޅުވާ ކަމަށެވެ.

ތުރުކީވިލާތުގެ ޝަރުތުތައް ފުރިހަމަ ކުރުމުގެ ގޮތުން ސްވިޑެންއިން ވަނީ އެގައުމުގެ އެންޓި ޓެރަރިޒަމް ގާނޫނުތައްވެސް ވަރުގަދަ ކޮށްފައެވެ. އަދި ދެގައުމުގެ މަޝްވަރާތައް ވެސް އޮތީ ކުރިއަށް ގެންދަން ރޭވިފައެވެ.

ނަމަވެސް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީ ކުރިމަތީ ގުރުއާން އަންދާލަން އެގައުމުގެ ފުލުހުން ހުއްދަ ދިނުމުން، ތުރުކީން ވަނީ މަޝްވަރާތައް ކުރުން ހުއްޓާލާފައެވެ.

އުރުދުޣާންގެ ސިފައިގައި އޮތް ބުދެއް، ސްޓޮކްހޯމް ސިޓީ ކޯޓުގެ ބޭރުގައި އެކޮޅުކޮޅުން އެލުވި ކުރުދީންގެ ސަޕޯޓް ގްރޫޕަކާއި ދެކޮޅަށް ފިޔަވަޅު ނޭޅުމުންވެސް ތުރުކީ އޮތީ ރުޅިގަދަވެފައެވެ.

ތުރުކީއާއި ސްވިޑެންގެ ދެމެދުގެ މަސްރަހު ހޫނުވަމުން ދިއުމުގެ ސަބަބުން، ފިންލެންޑުގެ އޮފިޝަލުން ވަނީ ސްވިޑެން އާއި ނުލާ ނޭޓޯގެ މެމްބަރުކަން ހޯދަން މަޖުބޫރުވެދާނެ ކަމަށް ފުރަތަމަ ފަހަރަށް ބުނެފައެވެ.

ފެށުނީއްސުރެ މި ދެ ގައުމުން ނޭޓޯގެ މެމްބަރުކަން ހޯދަން އުޅެފައިވަނީ އެކުގައެވެ.