އެމެރިކާގެ ސްޓޭޓް ސެކްޓްރީ އެންތަނީ ބްލިންކެން އާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިރާނާއި ގުޅިގެން ދެއްކި ވާހަކަތަކަކީ އެއްވެސް ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނެ، އިރާނުގެ ހާރިޖީ ވުޒާރާއިން ރައްދު ދީފިއެވެ.

އިރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވީ، ނިއުކްލިއަރ ބޮމެއް ބޭނުން ކުރި ފުރަތަމަ ގައުމަކީ އެމެރިކާ ކަމަށާއި، އަދި އިސްރާއީލުން ވެސް ނުރައްކާތެރި ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ އިރު، ދެ ގައުމުގެ އޮފިޝަލުން ދެ ފަރާތުގައި ތިބެގެން އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ނުރައްކާ ތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ވަރަށް ހެއްވާ ކަމެއް ކަމަށެވެ. ކަނާނީ ވިދާޅުވީ އެމީހުން އެގޮތަށް ވާހަކަ ދެއްކި އިރު އިރާނަކީ ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް ހަދާފައިވާ ގަރާރުގައި ސޮއި ކޮށްފައިވާ ގައުމެއް ކަމަށެވެ.

ބްލިންކެން އިސްރާއީލަށް ކުރެއްވި ޒިޔާރަތުގައި، ނަތަންޔާހޫ އާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނަތަންޔާހޫ ވަނީ އިރާނުން އޭގެ ބޯޑަރުތަކުގެ ބޭރަށް "ހަމަނުޖެހުން އެކްސްޕޯޓުކޮށް"، މެދު އިރުމަތީގެ ސަރަހައްދަށް ފަތުރަނީ ކަމަށް ބުނެފައެވެ.

"ބްލިންކެން ޒިޔާރަތް ކުރައްވާފައި މިވަނީ ވަރަށް މުހިންމު އަދި ވަރަށް ނާޒުކު ދަނޑިވަޅެއްގައި، ހާއްސަކޮށް ބައިނަލް އަގުވާމީީ މުޖުތަމައަށް އިރާނުގެ ހަގީގީ މޫނު ފެނިފައިވާތީ." ނަތަންޔާހޫ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އިރާނުގެ އަތަށް ނިއުކްލިއަރ ހަތިޔާރު ލިބިގެން ނުވާނެ ކަމަށް އެންމެންވެސް އެއްބަސް ވާ ކަމަށެވެ. އަދި އިރާނަށް ނިއުކްލިއަރ ހަތިޔާރު ލިބުން ހުއްޓުވުމަށް ބޭނުން ވެއްޖެ ކޮންމެ ކަމެއްވެސް އިސްރާއީލުން ކުރާނެ ކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.

ނަތަންޔާހޫ މިވާހަކަތައް ދައްކާފައި މިވަނީ، އިރާނުގެ އިސްފަހާނުގެ އަސްކަރީ ކާރުހާނާއަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އިއުލާނު ކުރިތާ އެއް ދުވަސް ފަހުންނެވެ.

މި ހަމަލާ ދީފައިވަނީ އިސްރާއީލުން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އަދި އިސްރާއީލުގެ ޖެރުސާލެމް ޕޯސްޓް ނޫހުން ވަނީ، "އިސްފަހާނުގެ ޑްރޯން ހަމަލާތައް ކާމިޔާބުވެފައިވާ" ކަމަށް، ހުޅަނގުގެ ޖާސޫސީ މަސްދަރުތަކުން ބުނެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. ނަމަވެސް ނިއުޔޯކް ޓައިމްސް އިން ބުނެފައިވަނީ އިސްފަހާނަށް ދިން ހަމަލާގައި ޑްރޯންތައް ފޮނުވާލާފައިވާ ކަމަށް ލަފާކުރެވެނީ އިރާނުގެ ތެރެއިން ކަމަށެވެ.

މި ހަމަލާތައް ނާކިޔާބު ކޮށްލާފައިވާ ކަމަށް އިރާނުން ބުނެފައިވާއިރު، ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ ފަރާތެއް އިރާނުން ހާމަކޮށްފައެއް ނުވެއެވެ.