ސްރީ ލަންކާގެ މިލިއަނަރެއްގެ ހަށިގަނޑު ސްވިމިންގ ޕޫލެއްގެ ތެރޭގައި އޮއްވާ ފެނިއްޖެއެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ޕެއްލަވައްތޭގައި ހުންނަ އޭނާގެ ރެޒިޑެންސްގެ ސްވްމިންގ ޕޫލް ތެރެއިންނެވެ.

ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ނިހާލް ތަލްދުވާ ލަންކާގެ ނޫހެއް ކަމަށްވާ ނިއުސް 1 އަށް ވިދާޅުވީ އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިއަދުގެ މެންދުރު ފަހު ކަމަށެވެ.

މަރުވި ވިޔަފާރިވެރިޔާއަކީ ލަންކާގެ އެޕަރަލް އިންޑަސްޓްރީގައި މަޝްހޫރު ނަމެއް ކަމަށްވާ ރޯޝަން ވަންނިނަޔަކަ އެވެ.

އުމުރުން 50 އަހަރުގެ އޭނާ އަކީ ކައިވެނިކޮށްގެން އުޅޭ މީހެއް ނޫނެވެ. އޭނާ ދިރިއުޅެމުން ގޮސްފައި ވަނީ ވެލަމްޕިޓިއާގައެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ހަދަމުން ދިޔަ ގެއެއްގެ ރޫފްޓޮޕް ސްވިމިން ޕޫލްގެ ތެރެއިންނެވެ.

އެއީ ވެސް އޭނާގެ ގެއެއް ކަމަށް ވެއެވެ.

އޭނާގެ ގާތް ތިމާގެ މީހުން ބުނި ގޮތުގައި އޭނާ އެންމެ ފަހުން ފެނުނީ ޖެނުއަރީ 31 ވަނަ ދުވަހު ވެލަމްޕިޓިއާ ގެއިން ނުކުތް ތަން ކަމަށެވެ. އަދި ދިޔަ ގޮތަށް އެނބުރި އައިސްފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އަދި އޭނާ ގެއްލިގެން އުޅޭ މީހުންގެ މައްސަލަ ވެސް ގާތް ތިމާގެ މީހުން ވެލަމްޕިޓިއާ ޕޮލިހަށް ހުށަހެޅި ކަމަށް ބުނެފައި ވެއެވެ.

ލަންކާ ފުލުހުން ބުނީ މަރުވި ވިޔަފާރިވެރިޔާގެ ކޮއްކޮ ޕެއްލަވައްތޭ ގެއަށް ޒިޔާރަތް ކުރިއިރު ހަށިގަނޑު ފެނުނު ކަމަށެވެ.

ފުލުހުން ބުނެފައިވާގޮތުގައި އޭނާ މަރުވި ސަބަބު އަދި ނޭނގޭ އެވެ.