ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ-ސީރިއާ ބޯޑަރު ކައިރިއަށް އައި ފުރަތަމަ ބިންހެލުމުގައި، ސީރިއާގެ އިދުލީބުގެ މާލަންދް އަވަށް ގުޑުވާލުމުން، ބިރުގަނެފައި ތިބި އެ އަވަށުގެ ރައްޔިތުން ފުރަތަމަވެސް މިސްރާބު ޖެހީ މިސްކިތާއި ދިމާލަށެވެ. ނަމާދުން އެމީހުންގެ ހިތަށް ހަމަޖެހުން ހޯދުމުގެ އުންމީދުގައެވެ. ނަމަވެސް އެމީހުންނަށް މިސްކިތް ހުރި ތަނަށް ދެވުމުން ލިބުނީ ހައިރާން ކަމެކެވެ. އޭރު މިސްކިތް ވަނީ ބިމާއި ހަމަވެފައެވެ. އަދި މިސްކިތުގެ ގުއްބު އޮތީ ބިންމަތީގައެވެ.

"އަހަރެން ކުޑައިރު، ބައްޕައާއި އެކީ އެ މިސްކިތަށް ގޮސް އުޅުނިން، އަދި އަހަރެންގެ ބައްޕަ، އަހަރެންގެ ކާފައާއި އެކު އެ މިސްކިތަށް ގޮސް އުޅުނު. އެއީ މި އަވަށުގައި ހުރި ހަމައެކަނި މިސްކިތް." ކުރަކި ވަމުންދިޔަ އަޑަކުން، 37 އަހަރުގެ މާހިރް ޒާރޫރް ބުންޏެވެ. އަވަށުގެ އެހެން މީހުންނާއި އެކު މިިދިޔަ ހުކުރު ދުވަހު، ހުކުރު ނަމާދު ކުރުމަށް އޭނާވެސް ގޮސްފައިވަނީ ވެއްޓިފައިވާ އިމާރާތުގެ ބައިތައް ވަށާލެވިފައިވާ ހުސް ސަރަހައްދަކަށެވެ.

މިސްކިތުގެ އިމާރާތް ވެއްޓި މިސްކިތުގެ ގުއްބު ބިންމަތީގައި --- ފޮޓޯ: އަލްޖަޒީރާ

"އެއީ ވަރަށް ދުވަސްވެފައިވާ މިސްކިތެއް، އަދި އެމިސްކިތް ވަނީ އެތައް ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައި. މި އަވަށުގެ ހުރިހާ އެންމެން އެ މިސްކިތް މަރާމާތު ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވޭ. އަންހެނުންވެސް ގޮސް މިސްކިތުގެ ފާރުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރޭ. އެއީ މާތް ﷲ ގެ ގެކޮޅު، އަހަރެމެން އެންމެންގެވެސް އެތައް ހަނދާންތަކެއް އެ ތަނުގައި ވޭ. ކުޑަކުދިންގެ ގޮތުގައި އަހަރެމެން އެތަނުގައި ކީރިތި ގުރުއާން ދަސްކުރިން." މާހިރް ބުނެފައިވެއެވެ.

ބިންހެލުމުގައި މިސްކިތް ވެއްޓުނު ވަގުތު، ﷲ ގެ ރަހުމަތާއި އެކު މިސްކިތުގައި އެއްވެސް މީހަކު ނެތެވެ. ބިންހެލުން އައީ ފަތިސްވުމުގެ ކުރިން ކަމަށް ވުމުން، ފަތިސްނަމާދަށް މިސްކިތަށް އޭރު އަދި އެއްވެސް މީހަކު ނުދެއެވެ.

ހުސް ބިމެއްގައި މިދިޔަ ހުކުރު ދުވަހު އަވަށުގެ ރައްޔިތުން ހުކުރު ނަމާދު ކުރަނީ --- ފޮޓޯ: އަލްޖަޒީރާ

ނަމަވެސް އެމިސްކިތް ނެތުމުގެ އިހުސާސް އެ އަވަށުގެ ރައްޔިތުންނަށް ދަނީ ވަރަށް ބޮޑަށް ކުރެވެމުންނެވެ. އަދި މިހާރުވެސް، އަވަށުގެ ރައްޔިތުން ވަނީ މިސްކިތް އަލުން ބިނާކުރުމަށްޓަކައި، އެމީހުންނަށް ވީ ވަރަކުން ފައިސާގެ މަދު މިންވަރުތަކުން އެއްކުރަން ފަށާފައެވެ.

"އަހަރެމެންގެ ގެތައް އަނބުރާ ނުލިބުނަސް ހެޔޮ، އަހަރެމެން ބޭނުމީ މިތަން، ﷲ ގެ ގެކޮޅު އަނބުރާ ކުރިން ހުރި ގޮތަށް ހުންނަށް. އޭރުން އަވަށުގެ މީހުންނަށް އަލުން އެތަނުގައި ނަމާދު ކުރެވޭނެ." މާހިރް ބުނެފައިވެއެވެ.

މާހިރް ޒާރޫރު ބުނެފައިވަނީ އޭނާގެ ގެ އަލުން ނޭޅުނަސް މިސްކިތް އަލުން އިމާރާތް ކުރެވެން ބޭނުންވާކަމަށް --- ފޮޓޯ: އަލްޖަޒީރާ

74 އަހަރުގެ މަހުމޫދު އާރިފް ނަދާފް ވެސް މާހިރު އާއި އެއްބަސްވެއެވެ. މަހުމޫދު، މިސްކިތާއި ޖެހިގެން ދިރިއުޅޭތާ 50 އަކަށް އަހަރު ވެއްޖެއެވެ. މަހުމޫދު ބުނެފައިވަނީ ބިމާއި ހަމަވެފައިވާ އޭނާގެ ގެޔަށް ވުރެވެސް ބޮޑަށް މިސްކިތް މަތިން އޭނާ ހަނދާން ވާ ކަމަށެވެ.

"ބިންހެލުން އައި ވަގުތު އަހަރެން އޮތީ މިސްކިތާއި އެންމެ ކައިރިއަށް ހުރިކޮޓަރީގައި. އަހަރެން އޮތީ އެވަގުތު ދެބަ ދޭތެރޭގައި. މިސްކިތުގެ ދެކުނު ފާރު ވެއްޓުނީ އަހަރެމެންގެ މައްޗަށް، އެއީ ގާތްގަނޑަކަށް 15 މީޓަރުގެ އުސް ފާރެއް. އަހަރެން ނިދާފައި އޮތް ކޮޓަރިއަށް ބޮޑެތި ގާތައް ފޭބި." މަހުމޫދު ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ އޭނާ ސަލާމަތް ވީ ކަމީވެސް އަޖައިބެއް ފަދަ ކަމެއް ކަމަށެވެ.

"އަހަރެން ދުވަހަކުވެސް މީހަކަށް ގެއްލުމެއް ނުދެން، އަދި އަހަރެންގެ ހިތުގައި އެއްވެސް މީހަކަށްޓަކައި ނުބައި ނިޔަތެއް ނުބާއްވަން، އެހެންވެ ﷲ އަހަރެން ސަލާމަތް ކޮށްދެއްވީ." ވެއްޓިފައިވާ މިސްކިތުގެ ކޮންކްރީޓްތަކުގެ މަތީގައި އިށީނދެ އިނދެގެން މަހުމޫދު ބުނެފައިވެއެވެ.

"އަހަރެންނަށް ލިބޭ ކޮންމެ ހުސްވަގުތެއްގައިވެސް އަހަރެން އިންނަނީ މިސްކިތުގައި. މި އަވަށުގެ މީހުންނަށް އެތަނަކީ ވަރަށް މުހިންމު ތަނެއް. އެތަނަކީ ހިޔާވައްސެއް، އަޅުކަން ކުރާ ތަނެއް، ކިޔަވައި، އިލްމު އުނގެނޭ ތަނެއް، އެންމެން އެއްވެލާ ތަނެއް. މިހާރު އެތަނެއް ނެތް، އަދި އެކަން ފޫބެއްދޭނެ އެއްވެސް ގޮތެއް ނެތް." އޭނާ ބުންޏެވެ.

މަހުމޫދު އާރިފް ނަދާފް، ބިމާއި ހަމަވެފައިވާ އޭނާގެ ގެޔަށް ވުރެ މިސްކިތް މަތިން ހަނދާން ވޭ --- ފޮޓޯ: އަލްޖަޒީރާ

މާލަންދްގެ ކައުންސިލްގެ ވެރިޔާ އަހުމަދު އަބާޒްލީ ވިދާޅުވީ ބިންހެލުމުގައި އެ އަވަށުން 34 މީހުން މަރުވި ކަމަށެވެ. އޭނާ ވިދާޅުވީ ކާރިސާގައި އަވަށުގެ 90 އިންސައްތަ ގެތަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އެގޮތުން 198 އާއިލާގެ ގެދޮރު އެއްކޮށް ވެއްޓިފައިވާއިރު، 320 ގެ އަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ. ދިރިނޫޅެވޭ ވަރު ވެފައި ކަމަށް އަހުމަދު ވިދާޅުވިއެވެ.

"ރަމަޟާން މަސް މި އޮތީ ބޯމަތީގައި، އަދި އަހަރެމެންގެ މިސްކިތެއް ނެތް. އެހެންކަމުން އަހަރެމެން ވާނީ އަވަށު ރައްޔިތުންގެ އަތުން ފައިސާ އެއްކުރަން ކެމްޕޭނެއް ފަށާފައި. އަދި އަހަރެމެން އުންމީދު ކުރަނީ މިސްކިތް އަލުން އިމާރާތް ކުރުމަށް އަހަރެމެންނަށް ވަރަށް އަވަހަށް އެހީތެރިކަންވެސް ލިބޭނެ ކަމަށް،" އަހުމަދު ވިދާޅުވިއެވެ.

" ބިންހެލުމަށް ފަހު އަހަރެމެން އަވަހަށް ފަތިސް ނަމާދު ކުރުމަށް މިސްކިތާއި ދިމާލަށް ދިޔައިން، އެކަމަކު އެތަން ސުންނާފަތި ވެފައިވާތަން ފެނި އަހަރެމެންނަށް ލިބުނީ ޝޮކެއް. އަހަރެން ގަބޫލުކުރާ ގޮތުގައި އަވަށު ރައްޔިތުންގެ ހިތްތަކަށް މިކަމުން ވަނީ ވަރަށް އަސަރުކޮށްފައި." އަހުމަދު ވިދާޅުވިއެވެ.

މާލަންދުގެ އިމާމް، އާދިލް އަލް ޝޭޚު ވިދާޅުވީ، މިސްކިތް ސުންނާފަތި ވުމަކީ 7000 މީހުންގެ އެ އަވަށަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

މިސްކިތުގެ އިމާމް އާދިލް، މިދިޔަ ހުކުރު ދުވަހު އިމާމްވެ ހުކުރު ނަމާދު ކުރަނީ --- ފޮޓޯ: އަލްޖަޒީރާ

"އަހަރެން މި މިސްކިތުގައި އިމާމް ކަން ކުރާތާ 3 އަހަރު ވެއްޖެ. މި އަވަށް ކިތަންމެ ބޮޑު ނަމަވެސް، އަވަށުގެ އެންމެން ޖަމާވާން ހުންނަނީ އެންމެ މިސްކިތެއް. އަދި ހާއްސަކޮށް ހުކުރު ދުވަސްދުވަހު، ގާތްގަނޑަކަށް 1500 އެއްހާ މީހުން ނަމާދަށް މިސްކިތަށް ޖަމާވޭ." އާދިލް ބުނެފައިވެއެވެ،

"އެ މިސްކިތަކީ ރައްޔިތުންނަށް ލިބިދޭ ޔަގީންކަމެއް، އެތަނުގެ ފާރުތަކުގެ އެތެރޭން ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސްދޭ." އޭނާ ބުންޏެވެ.