އިރާނުގެ އިސް ކޮމާންޑަރު، ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ ކުރީސް ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޓްރަމްޕްގެ ވެރިކަމުގައި ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމު އަދާކުރި މައިކް ޕޮމްޕިއޯ މަރާލަން އަދިވެސް އިރާނުން ބޭނުންވާ ކަމަށް އިރާނުގެ އަސްކަރިއްޔާގެ އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހު، ބަޣުދާދުގެ އެއާޕޯޓަކަށް ދިން އެމެރިކާގެ ޑްރޯން ހަމަލާއެއްގައި، އިރާނުގެ އިންގިލާބީ ސިފައިންގެ ހާރިޖީ އޮޕަރޭޝަންތަކުގެ ވެރިޔާ، ސުލައިމާނީ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް އިރާނުން ވަނީ ތަކުރާރު ކޮށް ވައުދު ވެފައެވެ.

"އަހަރެމެން އުންމީދު ކުރަން އަހަރެމެންނަށް ޓްރަމްޕް، ޕޮމްޕިއޯ، މެކެންޒީ، (އެމެރިކާގެ ކުރީގެ ޖެނެރަލް ކެނެތް މެކެންޒީ)، އަދި ސުލައިމާނީ އަވަހަރާ ކޮށްލަން އަމުރު ނެރުނު އަސްކަރީ ކޮމާންޑަރުން މަރާލެވޭނެ ކަމަށް, އިންޝާ ﷲ." އިންގިލާބީ ސިފައިންގެ އެއަރޯސްޕޭސް ޔުނިޓްގެ ކޮމާންޑަރު ޖެނެރަލް އާމިރް އަލީ ހައްޖިޒާދާ ވިދާޅުވެފައި ވެއެވެ.

އިރާޤުގައި ހުރި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ދިން އެތައް ހަމަލާތަކެއްގެ ރައްދުގައި، ސުލައިމާނީ އަށް ދިން ހަމަލާގެ އަމުރު ނެރުނީ ޓްރަމްޕެވެ. ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކޮށްފައިވަނީ އިރާޤުގެ ތަންތަނަށް ހަމަލާދިނީ އިރާނުން ކަމަށެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، އިރާޤުގައި އެމެރިކާގެ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް އިރާނުން ވަނީ މިސައިލު ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް، އެމެރިކާއިން ބުނެފައިވަނީ، ވަރަށް ގިނަ ސިފައިންގެ ސިކުނޑިއަށްވެސް ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

އިރާނުގެ މިސައިލު ޕްރޮގްރާމާއި ގުޅިގެންނާއި، އިރާނުން މެދު އިރުމަތީގެ "ހަމަޖެހުން ގެއްލުވާލަނީ" ކަމަށް ބުނެ، އެމެރިކާ އިންނާއި، އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުން ވަނީ ތަކުރާރު ކޮށް އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިރާނުގެ ޓީވީ އަކަށް ދެއްވި އިންޓަވިއު އެއްގައި ހައްޖިޒާދާ ވިދާޅުވީ، 2000 ކިލޯމީޓަރު (1243 މޭލު) ދުރުންވެސް އެމެރިކާގެ ބޯޓުތަކަށް ހަމަލާދިނުމުގެ ގާބިލުކަން މިހާރު އިރާނުގައި ހުރި ކަމަށެވެ.

"އަހަރެމެން 2000 ކިލޯމީޓަރުގެ ލިމިޓެއް ކަނޑައަޅާފައި މިވަނީ ޔޫރަޕަށް އިހުތިރާމު ކުރާތީ، އަދި އަހަރެމެން އުންމީދު ކުރަނީ މި އިހުތިރާމު އެމީހުންނަށް ހައްގުވާކަން އެމީހުން ހާމަ ކޮށްދޭނެ ކަމަށް." ހައްޖިޒާދާ ވިދާޅުވެފައި ވެއެވެ.

އިއްޔެ އިރާނުގެ ދައުލަތުގެ މީޑިއާ އިން ވަނީ އެގައުމުން އުފެއްދި އާ ދުރު ރާސްތާ މިސައިލެއްގެ ވީޑިއޯ އެއްވެސް ދުރަށް ދައްކާފައެވެ.