އިސްރާއީލްގެ ޝަރުއީ ދާއިރާއަށް އެގައުމުގެ ސަރުކާރުން މިހާރު ގެންނަން މަސައްކަތް ކުރަމުން ގެންދާ ބަދަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ހަޅުތާލު ކުރަމުންދާ ސިފައިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝަރުއީ ދާއިރާއަށް ގެންނަން އުޅޭ ބަދަލުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ޑިއުޓީއަށް ނިކުމެ ސަލާމް ބުނާ ސިފައިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައެވެ. ސިފައިން ޑިއުޓީ އަށް ނިކުންނަން ދެކޮޅު ހަދާތީ އިސްރާއީލް އަސްކަރިއްޔާގެ ބައެއް އޮޕަރޭޝަންތައް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާ ކަމަށް ވެސް އިސްރާއީލްގެ ޑިފެންސް މިނިސްޓްރީ އާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

އިސްރާއިލް ސިފައިންގެ ޗީފް އޮފް ސްޓާފް ހެރްޒީ ހަލެވީ ވަނީ ޝަރުއީ ދާއިރާ އިސްލާހް ކުރުމަށް ގެންގުޅޭ ޕްލޭނާއި ގުޅިގެން އުފެދިފައިވާ އިދިކޮޅު ހިޔާލުތަކަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ލީޑަރުންނަށް ގޮވާލާފައެވެ. އޭނާ ބުނި ގޮތުގައި މިމައްސަލައަށް އަވަސް ހައްލެއް ނުގެނެވޭނަމަ އިސްރާއީލްގެ އަސްކަރިއްޔާގެ އެތެރޭގައި އަދި އިތުރަށް މައްސަލަ ބޮޑުވެގެން ހިނގައިދާނެއެވެ.

ހަޅުތާލު ކުރަމުން ގެންދާ ސިފައިންގެ ސީދާ އަދަދެއް އިސްރާއީލްގެ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމެރިކާގެ ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި ހަޅުތާލު ކުރަމުންދާ ސިފައިންގެ އަދަދު ވަރަށް ގިނައެވެ. އެއަދަދު އެތައް ހާހަކަށް އަރާ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

އެންމެ ފަހުން އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ޔޮއޮވް ގަލަންޓް ވެސް ވަނީ ޝަރުއީ ދާއިރާއަށް ގެންނަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އޭނާ އަށް ވެސް އެއްބަހެއް ނުވެވެއެވެ. އެހެންކަމުން އެއުސޫލު ބަދަލު ކުރަން އޭނާ ވަނީ ގޮވާލާފައެވެ.

ނަތަންޔާހޫ މިހާރު މަސައްކަތް ކުރަމުން ގެންދަނީ އިސްރާއީލްގެ ސުޕްރީމް ކޯޓުން ކުރާ ހުކުމްތައް ވެސް ގާނޫނު ހަދާ މަޖިލީހަށް ބަދަލު ކުރެވޭ ގޮތައް ގާނޫނު އިސްލާހް ކުރާށެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގެ ހުރިހާ ބާރެއް ވެސް ގާނޫނު ހަދާ މަޖިލީހުގެ ދަށަށް ގެންނަން ނަތަންޔާހޫ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ނަތަންޔާހޫގެ ސިޔާސަތާއި ދެކޮޅަށް އިސްރާއީލްގައި އަންނަނީ ހުއްޓުމެއްނެތި ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރަމުންނެވެ.