އިންޑިއާގެ ވިލެޖެއްގައި ދަހިވެތި މަޔަކު ވިހެއި ދަރިފުޅު ވިއްކާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާޝާ ދޭވީ ނަމަކަށް ކިޔާ އަންހެނަކު ވިހެއި އަންހެން ދަރިފުޅު އޭނާ ވިއްކާލީ 4.5 ލައްކަ އިންޑިޔަން ރުޕީސްއަށެވެ. ދަރިފުޅު ވިއްކާލި އިރު، އެ ތުއްތު އަންހެން ކުއްޖާގެ އުމުރުން ވީ އެންމެ ދުވަހެކެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ހާމަކުރިގޮތުގައި އެ ހިތާމަމަވެރި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ޖާރުކަންޑް ސްޓޭޓްގެ ޗިޓްރާ އަވަށުގައެވެ. މި މައްސަލައިގައި މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތުއްތު ދަރިފުޅު ވިއްކާލިކަން ޗިޓްރާގެ ޑެޕިއުޓީ ކޮމިޝަނަރަށް އެނގުމާއެކު އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. ފުލުހުން ވަގުތުން ފިޔަވަޅު އަޅައި 24 ގަޑިއިރުގެ ތެރޭގައި ބޮކާރޯ ޑިސްޓްރިކްޓުން އަލަށް އުފަންވި ކުއްޖާ ހޯދިއެވެ.

ފުލުހުން ބުނި ގޮތުގައި އަލަށް އުފަންވި ކުއްޖާގެ މަންމައާއި އެ ޖަރީމާގައި ބައިވެރިވި އެހެން މީހުން ހައްޔަރުކޮށް، މަންމަގެ އަތުން އެއް ލައްކަ ރުފިޔާ ވެސް ފުލުހުން ވަނީ ހޯދައިފައެވެ.

ދަރިފުޅު ވިހެއުމަށްފަހު މަރާލުން ނުވަތަ އެއްލާލުމަކީ އިންޑިއާގައި އާންމުކޮށް ފެންމަތިވާ މައްސަލަތަކެކެވެ. ދަރިން ވިހާފައި ވިއްކާލާ މައްސަލައަކީ މަދުން ނަމަވެސް ފެންމަތިވާ މައްސަލަތަކެވެ. މިފަދަ ކުށްތައް މަދުކުރުމަށް އިންޑިއާ ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.