އިސްރާއީލްގެ ޝަރުއީ ދާއިރާ އޯވަހޯލް ކުރަން އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިއަށް ގެންދިޔަ މަސައްކަތް ޕްރެޝަރު ބޮޑުވެގެން މިވަގުތައް މަޑުޖައްސާލި ނަމަވެސް މުޒާހަރާ ކުރަމުންދާ ރައްޔިތުން ގެއަށް ވަންނަން ދެކޮޅު ހަދައިފިއެވެ.

ނަތަންޔާހޫއަށް ޕްރެޝަރު ބޮޑުވެ ގޮތް ހުސްވުމުން އޭނާ ވަނީ ޝަރުއީ ދާއިރާ އޯވަހޯލް ކުރުމަށް ކުރަމުންދާ މަސައްކަތް މިވަގުތައް މަޑުޖައްސާލަން ނިންމިކަން މީގެ އިރުކޮޅެއް ކުރިން އިއުލާން ކޮށްފައެވެ.

މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ބުނާ ގޮތުގައި އެމީހުން މުޒާހަރާ ހުއްޓާލާނީ ޝަރުއީ ދާއިރާ އޯވަހޯލް ކުރަން ނަތަންޔާހޫ އިއުލާން ކޮށްފައިވާ ސިޔާސަތައް އަމަލު ނުކުރާނެކަން އިއުލާންކޮށް، މިހާރު ގާނޫނު ހަދާ މަޖިލީހުގައި އޮތް ބިލް އަނބުރާ ގެންދިއުމުންނެވެ.

"މިވަގުތައް އެބިލްގެ މަސައްކަތް މަޑުޖައްސާލުމަކުން އަހަރެމެންގެ މުޒާހަރާއެއް ނުހުއްޓޭނެ. އެބިލްގެ މަސައްކަތް ދެން ކުރިއަށް ނުގެންދާނެކަން ރަސްމީކޮށް އިއުލާން ކުރަންދެން މުޒާހަރާ ކުރިއަށް ގެންދާނަން." މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

މުޒާހަރާ ލީޑް ކުރާ އެއް ލީޑަރު ކަމަށްވާ ޑރ.ޝިކްމާ ބްރެސެލާ ބުނީ ނަތަންޔާހޫ އާއި އޭނާގެ ހުދުމުހުތާރު ކޯލިޝަނާއި ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާ އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. "ބޮޑުވަޒީރާއި އޭނާގެ ހުދުމުހުތާރު ކޯލިޝަންގެ ބައިވެރިންގެ ވިސްނުން އަދިވެސް ހުރީ ހުދުމުހުތާރު ގާނޫނު ގެންނަން. އެއީ އިސްރާއީލްގެ ގައުމީ ސަލާމަތާއި އަދި އިގުތިސޯދަށް ވެސް އޮތް ނުރައްކަލެއް. އެހެންކަމުން މުޒާހަރާ ކުރިއަށް ގެންދާނަން." ޑރ.ޝިކްމާ ބުންޏެވެ.

ޝަރުއީ ދާއިރާ އޯވަހޯލް ކުރުމުގެ ބިލް މަޑުޖައްސާލަން ނަތަންޔާހޫ ނިންމިއިރު މިއަދު އިސްރާއީލްގެ ގާނޫނު ހަދާ މަޖިލިސް ކައިރިއަށް ވަނީ ލައްކައަކަށްވުރެ ގިނަ މީހުން އެއްވެފައެވެ. އަދި އިސްރާއީލްގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ޔޫނިއަން އިން އޮތީ އިހްތިޖާޖު ފަށާފައެވެ. އެއާއިއެކު އިސްރާއީލްގެ ހޮސްޕިޓަލްތަކާއި، އާއްމު ދަތުރުފަތުރުގެ ނިޒާމް ވެސް ހުއްޓުމަކަށް އައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުހާ.

    ސާބަހޭ. ތިއަގޮތަށް ނިކުމެބަލަ އިޒުރޭލު ސިފައިން ފަލަސްތީނު ރައްޔިތުން މަރާ މައްސަލަ ހައްލުކުރަންވެސް.

    15