ފަލަސްތީންގެ އަޤުޞާ މިސްކިތް ތެރޭގައި ނަމާދަށް ތިބި މުސްލިމުންގެ ގަޔަށް އިސްރާއީލްގެ ސިފައިންގެ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑުން ހަމަލާދީ މިސްކިތުގެ ހުރުމަތް ކަނޑައި، އެތައް ބަޔަކު ހައްޔަރު ކޮށްފިއެވެ.

ހައްޔަރު ކުރި މީހުންގެ ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކުގެ އަތުގައި ކްލިޕް އަޅުވައި މިސްކިތުގެ ތެރޭގައި އެމީހުން ބަންޑުން ބައިތިއްބާފައި ތިބި ވީޑިއޯއެއް ވަނީ އާއްމު ވެފައެވެ.

އިސްރާއީލްގެ ސިފައިން މިސްކިތުގެ އެތެރެއަށް ވަދެގަނެ، ނަމާދަށް ތިބި މީހުންނަށް ހަމަލާ ދިނުމުގެ ސަބަބުން ހަތް މީހަކަށް ފަރުވާ ދޭން ޖެހިފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ. ފަލަސްތީންގެ ރެޑްކްރޮސެންޓުން ބުނީ އެއިދާރާގެ މުވައްޒަފުން ސިއްހީ ފަރުވާ ދިނުމަށް މިސްކިތުގެ އެތެރެއަށް ވަންނަން އިސްރާއީލް ސިފައިން ހުރަސް އަޅަމުން ގެންދާ ކަމަށެވެ. އެހެންވެ އަނިޔާވި މީހުންގެ އަދަދު ކަށަވަރު ނުކުރެވޭ ކަމަށް ރެޑްކްރޮސެންޓުން ބުނެއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްރާއީލް ސިފައިން އަޤުޞާ މިސްކިތުގެ ތެރެއަށް ވަދެ ނަމާދަށް ތިބި މީހުންނަށް ރައިފަލްގެ މުއްގަނޑުންނާއި، މުގުރު ބުރިތަކުން ހަމަލާ ދީފައި ވެއެވެ. އެތައް ބަޔަކު މިސްކިތްތެރެއަށް ވައްޓާލައިގެން އެމީހުންނަށް އިސްރާއީލް ސިފައިން އަނިޔާ ކުރަމުން ދިޔަ މަންޒަރު ވެސް ފެނުނު ކަމަށް މީޑިއާތަކަށް މައުލޫމާތު ދިން މީހުން ބުނެފައި ވެއެވެ.

އިސްރާއީލް ސިފައިން އަޤުޞާ މިސްކިތްތައް ވަދެ، ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމާސް ޖަމާއަތުން ވަނީ އަޤުޞާ މިސްކިތް ހިމާޔަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ. އޭގެ ފަހުން ޣައްޒާ އިން އިސްރާއީލަށް ވަނީ ރޮކެޓްތަކެއް ވެސް ފޮނުވާލާފައެވެ.