އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން، މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާ އަށް އަނެއްކާ ވެސް ހަމަލާ ދީފިއެވެ.

މިއީ އިސްރާއީލް ސިފައިން އަގްސާ މިސްކިތަށް ވަދެ އެތަނަށް ގެއްލުން ދީ، ފަލަސްތީން ރައްޔިތުންނަށް އަނިޔާކޮށް ހައްޔަރު ކުރި ދެވަނަ ރެއެވެ. އިސްރާއީލް ސިފައިން ވަނީ ހަތިޔާރާއެކު އަލް އަގްސާ އަށް ވަދެ، އަޅުކަން ކުރަން ތިބި މީހުންނަށް މުގުރި ބުރިންނާއި ކަރުނަ ގޭހުގެ އިތުރުން ސްމޯކް ބޮމުން ހަމަލާދީފައެވެ. އަދި ސްޓަން ގްރެނޭޑްސް އާއި ރަބަރު ވަޒަން ވެސް ސިފައިން ބޭނުން ކުރިއެވެ.

އިސްރާއީލުން އަންހެނަކަށް އަނިޔާކޮށްފައި.

އިސްރާއީލް ސިފައިން އަޅުކަން ކުރަން ތިބި މީހުންނަށް ހަމަލާ ދިން އިރު، އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެއެވެ.

އިސްރާއީލް ސިފައިން މިހާރު ވަނީ މުޅި އަލް އަގްސާ އިން އެންމެން ނެރެ، އެމީހުންގެ ބާރުގެ ދަށަށް މުޅި މިސްކިތް ގެނެސްފައި ކަމަށް އަލް ޖަޒީރާ އިން ބުނެއެވެ. އެގޮތުން އިއުތިކާފަށް މިސްކިތުގައި ތިބި މީހުން ވެސް ވަނީ މިސްކިތުން ނެރެފައެވެ.

އިސްރާއީލް ސިފައިން އަގްސާ މިސްކިތް ތެރެއަށް ވަދެ، އެ ތަނުގައި ނަމާދު ކުރަން ތިބޭ މީހުންނަށް އަނިޔާ ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. މި ރޯދަ މަސް ފެށުނު ފަހުން އިސްރާއީލްގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނަ އަޅައިގެން ގޮސްފައެވެ. އިސްރާއީލް ސިފައިން ވަނީ ނަމާދަށް ގޮސް ތިބި އެތައް ބަޔަކު ހައްޔަރު ވެސް ކޮށްފައެވެ.

އިސްރާއީލް ސިފައިން އަގްސާ މިސްކިތްތައް ވަދެ، ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމާސް ޖަމާއަތުން ވަނީ އަގްސާ މިސްކިތް ހިމާޔަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ.

ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު ސައްތާހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަގްސާ މިސްކިތުގައި ނަމާދު ކުރުމަކީ ހުރިހާ މުސްލިމުންނަށް ވެސް އޮތް ހައްގެއް ކަމަށާއި ޔަހޫދީން އެމިސްކިތައް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޑޭ

    ކޮބައިތަ އަރަބި މުސްލިމުންނޭ ކިޔައިގެން އުޅޭ ބަކަރިންތަށް އަދިވެސް ނުފެނޭތަ މުސްލިމުން މަރަމުންދާ އިރުވެސް .... ހާން އެހެންތާ ވާނީ އެމެރިކާ އާއި އިނގިރޭސިންނަށް ވިކިފަ ތިބި ބައެއް ވިއްޔާ...!!!