ސޫދާންގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިންގެ ޖަމާއަތެއްގެ ހަނގުރާމަވެރިންނާއި އެގައުމުގެ ސިފައިންގެ މެދުގައި ހިނގަމުންދާ ކުރިމަތިލުންތަކެއްގައި 180 މީހަކު މަރުވެއްޖެއެވެ.

ޔޫއެންއިން ސޫދާނަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު، ވޮލްކާ ޕާތެސް އާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، މިހާރު އެގައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުމުގައި މިހާތަނަށް 185 މީހަކު މަރުވެ، 1800 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތަކެއް ވެފައިވާ ކަމަށެވެ.

"މިއީ ވަރަށް ވެސް ދަތި ވަގުތެއް. މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ. އެ އަދަދު އިތުރުވަނީ ކޮން ފަޅިއަކުން ކަމެއް ބުނަން ނޭނގޭ" އޭނާ ބުނެފައިވެއެވެ.

ސޫދާންގެ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާއި އެގައުމުގެ ސިފައިންނާއި މެދު އަބަދުވެސް ނުތަނަވަސްކަން ބޮޑެވެ. ދޭތެރެ ދޭތެރެއިން ހަމަލާތައް ވެސް ބަދަލު ކުރެއެވެ.

ނަމަވެސް ފަހަކަށް އައިސް ބޮޑު ކުރިމަތިލުމެއް ދެފަރާތުގެ ދެމެދުގައި ނުހިނގައި އޮތީ 2021 ވަނަ އަހަރު ސޫދާނަށް ގެނައި ބަޣާވާތުގެ ކަންކަމުގެ އިޔާދަވެ، ޑިމޮކްރަސީ ގެންނަން ވެފައި އޮތް އެއްބަސްވުމެއްގެ ދަށުންނެވެ. މިފަހަރު ކުރިމަތިލުންތައް ހިނގަން ފަށައިގެން އުޅެނީ އެއެއްބަސްވުމަށް އަމަލު ނުކުރާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހަމަލާތައް ބަދަލު ކުރަމުންދާ ސަރަހައްދުތަކުގައި ދިރިއުޅޭ އާއްމުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ހަމަލާތައް ބަދަލު ކުރަމުންދާ ސަރަހައްދުތައް ހީވަނީ ހަނގުރާމައިގެ މައިދާނެއް ހެން ކަމަށެވެ.