ސްރީލަންކާގައި ވަޒީފާ ނެތި ތިބި ޒުވާނުންނަށް ބަކަރި ދަނޑުވެރިކަން ކުރުމަށް ބަކަރި ބަހަން އެގައުމުގެ އެގްރިކަލްޗަރ މިނިސްޓްރީން ނިންމައިފިއެވެ.

އެގައުމުގެ އެގްރިކަލްޗަރ މިނިސްޓަރ، މަހިންދަ އަމަރަވީރާ އާއި ހަވާލާދީ "ޑެއިލީ މެއިލް" އިން ބުނެފައިވަނީ ލަންކާގެ ރަށްފުށުގައި ވަޒީފާ ނެތް ޒުވާނުންނަށް ބަކަރު ދަނޑުވެރިކަން ކުރުމަށް 70،000 ބަކަރު ބަހަން ނިންމާފައިވާ ކަމަށެވެ. މި ބަކަރި ލިބޭނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

މިވަގުތު ސްރީލަންކާގައި ބަކަރި ދަނޑުވެރިކަން ފުޅާ ދާއިރާއަކަށް ކުރިއަށް ނުދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެކަން އެގޮތަށް އޮތުމުން ބަކަރި މަހާއި ބަކަރިކިރު ބޭރު ގައުމުތަކުން އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ބަކަރި ދަނޑުވެރިކަން ކުރުމުން އިންތިހާއަށް ފައިސާ ލިބޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ އެހެންކަމުން އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް ހޯދުމުގެ ގޮތުން ބަކަރި ދަނޑުވެރިކަމުގެ މަޝްރޫއަށް މިއަހަރު 150 މިލިއަން ރުޕީސް ދިނުމަށް އެގްރިކަލްޗަރ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އޭނާ ބުނީ ބަކަރި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދޭނީ ކޮލެޓީ ރަނގަޅު ބަކަރި ކަމަށާއި އެކަން ކުރުމަށް ބޭނުންވާ އެހެން ވަސީލަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އެހެން ކަމުން މިއަހަރުގެ ފަހުކޮޅު، 70،000 ބަކަރި ބަހަން ފަށައި، އެ އަދަދު 2024 ވަނަ އަހަރު އިތުރު ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަސީ

    ތީ ރަގަޅުކަމެއް ބަކައްޓާ ގެރިޔާ ކުކުޅުވެސް އުފެއްދުން ގިނަކުަރަންވީ އޭރުން ބޭރުން ތިއެތެރެކުރާ މަހުގެ ބާވަތްތައް މަދުކޮށް އުފެއްދުންތެރިކަން އިތުރުކޮށްގެން އިޤތިޞާދު ރަގަޅުކުރެވޭނި ދިވެހިންވެސް މިކަންކަން ކުރަންވީ ޚާއްޞަކޮށް ކުކުޅާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އުފައްދާ ބޭރުން އެތެރެކުރާވަރު މަދުކުރަންވީ