އިރާނުގެ ރައީސް އިބްރާހިމް ރައީސީ ސީރިއާއަށް ވަޑައިގަންނަވަން ކައިރިވެފައި އޮއްވައި އިސްރާއިލުން ސީރިއާގެ އަލީޕޯ އެއާޕޯޓަށް ހަމަލާތަކެއް ދީފިއެވެ.

ސީރިއާގެ ސަނާ ނިއުސް އޭޖެންސީން ބުނީ އިސްރާއިލުގެ ހަނގުރާމަ މަތީ ބޯޓުތަކުން މިދިޔަ ހޯމަ ދުވަހުގެ ރޭ އަލީޕޯގެ އެއާޕޯޓަށް ބޮން އެޅުމުން އެ އެއާޕޯޓްގެ ހިދުމަތްތައް މެދުކެނޑިފައިވާ ކަމަަށެވެ.

އެ ހަމަލާގައި ސިފައިންގެ އެކަކު މަރުވެ ހަ މީހަކު ޒަހަމްވެސްވިއެވެ.

އެ ހަމަލާފައި ފޮނުވާލި ގިނަ މިސަައިލްތަކެއް ސީރިއާގެ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވާފައިވާ ކަމަށް ވެސް ސީރިއާއިން ބުނެއެވެ.

އިސްރާއިލުން 2017 އިން ފެށިގެން ދަނީ ސީރިއާގައި އިރާނުގެ ސިފައިން ހަރަކާތްތެރިވާ ކަމަށް ބުނެ އެ މީހުންނަށް ހަމަލާތައް ދެމުންނެވެ.

ސީރިއާގެ އެއާޕޯޓަށް ހަމަލާ ދިން އިރު މިއަދު އިރާނުގެ ރައީސް ސީރިއާއަށް ވަޑައިގަންނަވާނެ އެވެ.

މިއީ 2011 ވަނަ އަހަރު ސީރިއާގައި ދާހިލީ ހަނގުރާމަ ފެށުނު ފަހުން އިރާނުގެ ރައީސްއަކު ސީރިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ސީރިއާގައި ހިނގަމުން އައި ދާހިލީ ހަނގުރާމައިގައި ސީރިއާގެ ވެރިކަން ކުރާ ބައްޝާރުލް އަސަދުގެ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވި ގައުމުތަކުގެ ތެރޭގައި އިރާން ހިމެނެ އެވެ.

ސީރިއާގެ ނޫހެއް ކަމަށްވާ އަލް ވަތަންއިން ބުނީ ރައީސީ ސީރިއާގައި މަޑުކުރައްވާނީ ދެ ދުވަހު ކަމަށެވެ. އެ ދަތުރުފުޅުގައި އިގްތިސާދީ ކަންކަމާ ގުޅޭ ގޮތުން އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެ ކަމަށް ކަމަށް އެނޫހުން ބުނެއެވެ.

މީގެ ކުރިން އިރާނުން ވަނީ ސީރިއާއަށް އިގްތިސާދީ ގޮތުން ދަތިވި ދުވަސްވަރު ކްރެޑިޓް ލައިން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ދާދި ފަހުން ސީރިއާއަށް އައި ބިންހެލުމާއި ގުޅިގެން އެހީތައް ފޯރުކޮށްދިން އިރު އޭގެ ތެރޭގައި ހަތިޔާރު ވެސް ހިމެނެ އެވެ.

އިރާނުން ސީރިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ ރައީސީގެ ދަތުރުފުޅާއެކު މުޅި ސަރަހައްދު މަޝްރަހު ބަދަލުކޮށްލާނެ ކަމަށެވެ.

ރައީސީގެ ދަތުރުފުޅާއި ގުޅިގެން އިސްރާއިލުގެ މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުއްގިރި.

    އިރާނަކީ މިގަރުނުގެ އިސްލާމީ އުންމަތުގެ މައިތަނބު. ސައުދީގެ ހައްދުފަހަނައެޅި ސަލަފީ ވައްހާބީންނާއި އެމީހުންގެ ދަރި އައި އެސް އަލްގައިދާފަދަ ތަކުފީރީ ޖަމާޢަތްތައް އިސްލާމީ ދުނިޔެއިން ލުހެލުމުގެ މޭސްތިރިން. އެމެރިކާ ގަލްފުގައި ކުޑަކަކޫ ޖެއްސުވި ބަތަލުން. އެކަން ހުޅަނގަށް ހަޖަމުނުވެގެން ގާސިމް ސުލައިމާނީ ޝަހީދުކޮށްލީ.

    8
    1
  2. ޒިންމާދާރު

    އަނެއްކާ ތިޔަހޫދީބައިގަނޑު ރައީސް އިބްރާހިމް ރައީސީގެ ފްލައިޓައް ހަމަލަނުދޭނެބާ؟ މިސާލަކަށް އެހެންވިޔޯ 100 ޕަސަންޓް ގެރެންޓީ އީރާން 3 ވަނަ ހަނގުރާމަޔަށް ދާނެ