މިސްރުގައި ފިހާރައަކުން ގަތް އައިސްކްރީމް ބޮއެގެން 382 މީހަކު ވަރަށް ބޮޑަށް ބަލިވެއްޖެއެވެ.

މި އައިސްކްރީމް ގަނެފައި ވަނީ މިސްރުގެ ގަވަރުނަރޭޓް އޮފް ކޭނާގެ މާރުކޭޓަކުންނެވެ.

ކޭނާގެ ހެލްތު މިނިސްޓްރީގެ އަންޑަ ސެކްރެޓަރީ ޑރ ރާޖީ ޓަވަޑްރޯސް ވިދާޅުވީ، އައިސްކްރީމް ބޮއެގެން ކާބޯތަކެތި ވިހަވާ ކަމަށް ޝައްކު ކުރެވޭ މީހުންގެ އަދަދު 382 އަށް އަރާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ވޭދަނަތަކުގެ ތެރެއިން 295 މީހަކު އަބޫ ތިޝްތު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ހުރިހާ މީހުންނަށްވެސް ފަރުވާ ދިނުމަށްފަހު، ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މިކަމާއި ގުޅިގެން އަދިވެސް ބައެއް މީހުން ފަރުވާ ހޯދަމުން އަންނައިރު، އެ މީހުންގެ ސިއްހީ ހާލަތު ރަނގަޅު ވަމުން އަންނަ ކަަމަށް ބުނެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ކޭނާ ޕްރޮވިންސްގެ ސަލާމަތީ ބާރުތަކުން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ކާބޯތަކެތި ވިހަވުމުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ބެލެވޭ އައިސްކްރީމް ވިއްކާ މީހާ ހިފަހައްޓާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.