ފިންލޭންޑްގެ މިހާރުގެ ބޮޑުވަޒީރު ސަނާ މަރިން އޭނާގެ ފިރިމީހާ މާކަސް ރައިކޯނެންގެ ކައިވެނި ރޫޅިއްޖެއެވެ.

އެކަން ހާމަކުރައްވާފައި ވަނީ އިންސްޓަގްރާމް އެކައުންޓްގައެވެ.

"އެކުގައި ހޭދަކުރި 19 އަހަރާއި ލޯބިވާ އަންހެން ދަރިފުޅަށް ޝުކުރު އަދާ ކުރަން. ގާތް އެކުވެރިިންގެ ގޮތުގައި ދެމިހުންނާނަން،" ވަކި ވަކިން އިންސްޓަގްރާމްގެ ސްޓޯރީގައި ހިއްސާ ކުރި ޕޯސްޓެއްގައި އެ ދެ ބޭފުޅުންވެސް ވިދާޅުވެފައި ވެއެވެ.

މި ދެމަފިރިންގެ ފަސް އަހަރުގެ އަންހެން ދަރިކަނބަލަކު ހުރެއެވެ. މި ދެ ބޭފުޅުން ކައިވެނި ކުރެއްވީ 2020 ވަނަ އަހަރު މަރިން ބޮޑުބަޒީރު ކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ.

އޮގަސްޓް 2020 ގައި ރައިކޯނެންއާ ކައިވެނި ކުރެއްވުމަށް ފަހު މަރިން އިންސްޓަގްރާމްގައި ލިޔުއްވާފައި ވަނީ ފުރާވަރު އުމުރު އެކުގައި އުޅެ، އެކުގައި ޒުވާން އުމުރުގެ ތެރެއަށް ވަދެ، ލޯބިވާ އަންހެން ދަރިފުޅުގެ މައިންބަފައިންނަށް ވެގެން ދިޔައީ އެކުގައި ކަމަށެވެ.

2019 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަރިން ވެގެން ދިޔައީ ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރަށެވެ. މިހާރު އުމުރުން 37 އަހަރުގެ މަރިން އަކީ ޕްރޮގްރެސިވް އާ ލީޑަރުންނަށް މިލޭނިއަލް ރޯލް މޮޑެލްއެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން ދެކެއެވެ.

ނަމަވެސް އެކަމަނާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި އެކަމަނާގެ ޕާޓީ އަށް ލިބުނު ނާކާމިޔާބީއާ ގުޅިގެންނެވެ.