ފަލަސްތީނުގެ ޣައްޒާ އިން ފޮނުވާލި ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގެ މީހަކު މަރާލައިފިއެވެ.

އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާ އިން ފޮނުުވާލި ރޮކެޓް ހަމަލާ އަމާޒުވެފައި ވަނީ އިސްރާއީލްގެ ވެރިރަށް ޓެލް އަވީވް ކައިރީގައި އޮންނަ ސިޓީއަކަށް ކަމަށެވެ. މި ހަމަލާގައި އިސްރާއީލްގެ މީހަކު މަރުވެފައިވާ ކަން ކަށަވަރުކޮށް ދިނުން ފިޔަވައި އިތުރު ތަފްސީލެއް އަލްޖަޒީރާ އިން ހާމައެއް ނުކުރެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާއެކޭ އެއްގޮތަށް ފަލަސްތީނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އިސްލާމިކް ޖިހާދުން ދަނީ މެދުކެނޑުމެއް ނެތި އިސްރާއީލަށް ރޮކެޓު ހަމަލާތައް ދެމުންނެވެ.

އެގޮތުން އިސްރާއީލްގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ރިހެވޮޓްގައި ހުރި އިމާރާތަކަށް ދިން ހަމަލާއެއްގައި ފަސް މީހަކު ޒަހަމްވެ، އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މަރުވެފައި ވަނީ ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ބުނާ މީހާއެވެ. އެމީހާ ނެގީ ވެއްޓުނު އިމާރާތުގެ ބައެއްގެ ދަށުންނެވެ.

އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުން ބޮން އެޅުމުގެ ސަބަބުން މިހާތަނަށް އައިއިރު ފަލަސްތީނުގެ 26 މީހުން ޝަހީދުވެ 80 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އާންމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

ފަލަސްތީނުން ޝަހީދުވި މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދުގެ މުޖާހިދުން ވެސް ހިމެނެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް މި ދެނީ އެއްވެސް މީހަކަށް ނުފިލޭނެ ކަމަށް ބުނެ، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދަށް ވަރުގަދަ އިންޒާރެއް ދީފައިވަނިކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުދުހުދު

    الحمدلله ޔާ الله ޔަހޫދީ ބައިގަނޑު މުޖާހިދުންގެ ހަމަލާ ތަކުގައި ނެތިކުރައްވާ ޢަދި މުޖާހިދުންނަށް ނަސުރު ދެއްވާދޭ އާމީން

    28