ރަޝިއާގެ ބޭންކެއް ކަމަށްވާ ޑަބްލިއުޓީބީގެ ބްރާންޗެއް އީރާންގައި ހުޅުވައިފިއެވެ. މިއީ ރަޝިއާގެ ބޭންކެއް އީރާންގައި ހުޅުވި ފުރަތަމަ ފަހަރެވެ. ރަޝިއާގެ ވީޓީބީ އަކީ އެގައުމުގެ ދެވަނަ އަށް އެންމެ ބޮޑު ބޭންކެވެ.

ޑަބްލިއުޓީބީ އިން ބުނީ އެބޭންކްގެ ބްރާންޗެއް އީރާންގައި ހުޅުވުމުގެ ބޭނުމަކީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް، ކުރިއެރުވުން ކަމަށެވެ.

ޑަބްލިއުޓީބީ އިން އީރާންގައި ބޭންކެއް ހުޅުވުމުގެ ކުރިން މިދިޔަ ޑިސެމްބަރ މަހުން ފެށިގެން އަންނަނީ އަމިއްލަ ފަރާތްތަކަށާއި އަދި ކުންފުނިތަކަށް ވެސް ފައިސާ ފޮނުވުމުގެ ހިދުމަތް އީރާންގައި ދެމުންނެވެ.

ރަޝިއާ އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމުން ރަޝިއާގެ ބޭންކްތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް ހުޅަނގުން ވަނީ އަޅާފައެވެ. އެހެންވެ އެއްގައުމުން އަނެއް ގައުމަށް ފައިސާ ފޮނުވުމުގައި ރަޝިއާ އަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

އޭގެ މާކުރިން އީރާނަކީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިލާން ޖެހިފައިވާ ގައުމެކެވެ. އެހެންކަމުން ރަޝިއާގެ ބޭންކެއް އީރާންގައި ހުޅުވުމަކީ އީރާނަށް ވެސް މާލީ މުއާމަލާތްތައް ކުރުމުގައި ފަސޭހަތަކެއް ވެގެން ދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރަޝިއާ އާއި ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތެލާއި ގޭސް އަދި އެހެނިހެން މުދާ ވެސް އީރާން، ޗައިނާ، އިންޑިއާ، ޕާކިސްތާން ފަދަ ހުޅަނގުގެ ގައުމުތަކާއި ގުޅުން ކުޑަ ގައުމުތަކަށް ވިއްކުމަށް ރަޝިއާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަޝިއާ އިން ބުނާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް އަދިވެސް ރަޝިއާގެ އިގުތިސޯދަށް އެކަމުގެ ގެއްލުމެއް ކުރިމައްޗެއް ނުވެއެވެ.