ޖަޕާނުގެ އޮކިނާވާ ސަރަހައްދުގައި ހުރި ބަނދަރެއް ކައިރީގައި އޮތް ފެންގަނޑުގެ ކުލަ ގަދަ ރަތް ކުލައަށް ބަދަލުވެއްޖެއެވެ.

ފެންގަނޑުގެ ކުލަ ރަތަށް ބަދަލުވީ އޯރިއޯން ބްރޫވަރީސްގެ ބިޔަރު އުފައްދާ ފެކްޓްރީން ގެންގުޅުނު ފުޑް ކަލަރިންގ ޑައި އެ ފެންގަނޑު ތެރެއަށް ލީކްވުމާއި ގުޅިގެންނެވެ. އެ ފެކްޓްރީން ބުނީ އެކަމުގެ ސަބަބުން ސިއްހަތަށް ނުރައްކާ ވާފަދަ ހާލަތެއް ކުރިމަތި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، ފެކްޓްރީން ވަނީ އެކަމަށްޓަކައި އެ ސަރަަހައްދުގައި ދިރިއުޅޭ ރައްޔިތުން ކިބައިން މައާފަށް އެދިފައެވެ.

ޕްރޮޕިލީން ގްލައިކޯލްއަކީ ކާތަކެތީގަައި ބޭނުންކުރަން އާއްމުކޮށް ރައްކާތެރި މާއްދާއެއް ކަމަށް އެމެރިކާގެ ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ.

ކޯރުގެ ކުލަ ލެޔާއި އެއްފަދަ ކުލައަކަށް ބަދަލުވެފައިވީތީ އޮކިނާވާގެ ނާގޯ ސިޓީގައި ދިރިއުޅޭ އާންމުން ވަނީ އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖަޕާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބްރޫވަރީގެ ފިނިކުރާ ނިޒާމުތަކުގެ ތެރެއިން ސިސްޓަމަކުން ޑައި ލީކްވެފައި ވަނީ އަންގާރަ ދުވަހުއެވެ. އެ ލީކު ހުއްޓުވަން ޕްލަގް ކޮށްފައި ވަނީ ޖަޕާނު ގަޑިން ގާތްގަނޑަކަށް 9:30 ހާއިރުއެވެ. އަދި ކޯރަށް ފެން ލީކްވެގެންދިޔައީ ގަޓަރުތަކުގެ ތެރެއިން ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ.

ޖަޕާނުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޯރިއޯން ބްރޫވަރީސްގެ ރައީސް ހާޖީމޭ މުރާނޯ ވިދާޅުވީ އެ ކުންފުނީގެ ކާރުހާނާއަކުން ކުލަ ލީކުވި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.