ޔުކްރޭނުން އުފައްދާ ގޮދަން އެތެރެ ކުރަން ތިން ޤައުމަކުން މަނާކޮށްފިއެވެ.

ޔުކްރޭނަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ބޭނުންވާ ގޮދަން އެކްސްޕޯޓްކުރާ އެންމެ ބޮޑު އެއް ޤައުމެވެ. އެހެންނަމަވެސް ރަޝިޔާއެކު ހިންގާ ހަނގުރާމަ އާއި ގުޅިގެން މި ވިޔަފާރިއަށް ވަނީ އަސަރުކޮށްފައެވެ. އެގޮތުން ރަޝިއާއިން ކަޅުކަނޑުގައި ހަރަކާތްތެރި ވާތީ އާއި، ކާގޯ ބޯޓުތަކަށް ހުރަސް އަޅާތީ ގޮދަނުގެ ބާވަތްތައް އެކްސްޕޯޓު ކުރުން މަދުވެ ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.

ރަޝިޔާއިން ބުނާގޮތުން ކާގޯ ބޯޓު ފަހަރުގައި ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ޔޫކްރައިނަށް އެތެރެ ކުރެއެވެ. އެހެންކަމުން ތުރުކީ މެދުވެރިވެގެން އދ އާއި ޔޫކްރައިން އަދި ރަޝިއާ އެއްބަސްވެފައި ވާ ގޮތަށް ގޮދަނުގެ ބާވަތްތައް އެކްސްޕޯޓް ކުރަން ރަޝިޔާއިން ވަނީ ދެކޮޅު ހަދައި އެ އެއްބަސް ވުން އުވާލާފައެވެ. އަދި ކަޅުކަނޑުން ދަތުރު ކުރާ ކޮންމެ އުޅަނދަކީ ނުރައްކަލެއް ކަމަށް ބަލާ ފިޔަވަޅު އަޅާނެ ކަމަށްވެސް ރަޝިޔާއިން އޮތީ ބުނެފައެވެ.

ކަނޑުމަގުން ގޮދަން އެކްސްޕޯޓްކުރުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުންދާތީ، އެއްގަމު މަގުން ޕޮލަންޑާއި، ސްލޮވޭކިއާ އަދި ހަންގޭރީއަށް އެތެރެ ކުރާ ގޮދަނުގެ ނިސްބަތް ގިނަ ވެ، އެ ގައުމުތަކުގެ އެތެރޭގެ އުފެންދުންތަކުގެ އަގު ވެއްޓި ޤައުމުގެ އިގްތިސާދަށް ދަނީ ދަށަށް ގޮސްފައެވެ. އެހެންކަމުން އެ މަައްސަލައިގައި އެ ޕޮލަންޑާއި، ސްލޮވޭކިއާ އަދި ހަންގޭރީއަށް ޔޫކްރައިންގެ ގޮދަން އެތެރެ ނުކުރަން ވަނީ ނިންމާފައެވެ.

ސީދާ އެ ޤައުމުތަކަށް ގޮދަން އެތެރެ ނުކުރެވުނަސް އެގައުމުގެ ސަރަހައްދު ބޭނުން ކޮށްގެން ދުނިޔޭގެ އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

ރަޝިޔާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ޔުކްރޭނުން ވަނީ އެގައުގެ އުޅަނދުތައް ކަޅުކަނޑަށް ނުކުތުމަށް ބޭނުން ކުރާ ބަނދަރެއް ބޭނުން ކޮށްގެން، ކާގޯ ބޯޓު ފަހަރަށް ވަދެވޭނެ ގޮތް ހަދާފައެވެ. އެ އިންތިޒާމުތަކުގެ ދަށުން 20،000 ޓަނު އުފުލޭ ވަރުގެ ދެބޯޓު މިހާރު ބަނދަރުކޮށް ގޮދަން ބަރު ކުރަމުން ދާ އިރު އެ ބޯޓުތައް ދާނީ މިސްރާއި އިޒްރޭލަށެވެ. އެއަށް ފަހު އެ ގައުމުތަކުން ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވިއްކުމާއި އެގައުމުތަކުގައި ވިއްކުން ކުރިއަށް ދާނެއެވެ. އަލަށް ބޭނުންކުރި މި ބަނދަރަށް ރަޝިޔާގެ ބާރެއް ނުފޯރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް އެ ބަނދަރުން ކުރާ ދަތުރު ދިގު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮޑިއްސާގެ ބަނދަރުތަކުން ގޮދަން ބަރުކޮށްގެން ދަތުރުކުރާ އުޅަނދުތަކަށް ރަޝިޔާއިން ވަނީ ހަމަލާދީފައެވެ. އެގޮތުން ފެބްރުއަރީ 2022 ގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް 20 މިލިއަން ޓަނުގެ ގޮދަން އެކްސްޕޯޓް ނުކުރެވި ވަނީ ޔޫކްރައިންގައި ތާށިވެފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ބޭނުންވާ ގިނަ އަދަދެއްގެ ގޮދަނުގެ ބާވަތްތައް ޔުކްރޭނުން އެކްސްޕޯޓް ކުރެވޭ ގޮތް ނުވެ ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ބާޒާރުގައި ގޮދަނުގެ ބާވަތްތަކުގެ އަގުވެސް ވަނީ އުފުލިފައެވެ. އެގޮތުން މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކުގައި ވަނީ އަގުތައް ބޮޑު ތަނުން އުފުލިފައެވެ.