ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ފެށި އޮޕަރޭޝަންގައި މަރާލި އިސްރާއީލް މީހުންގެ އަދަދު 700 އަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާ ކައިރީގައި ވާ ޔަހޫދީ ހިސާބުތަކަށް ހަމާސްއިޖް ދިން ވަރުގަދަ ހަމަލާގައި 700 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން އާދީއްތަ ދުވަހު އަންދާޒާ ކޮށްފައިވެއެވެ.

ހަނގުރާމައިގެ ތެރެއިން އިސްރާއީލުގެ 700 މީހަކު މަރާލާފައިވާއިރު، އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ 400 އަށްވުރެ ގިނަ މީހަކު ޝަހީދުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިކިލީކްސް

    މުޅި އައްޒާ މިހާރު އޮތީ އަލިފާން ރޯވެފަ. އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ