ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލުގެ އަންހެނަކު ރަހީނުކޮށް، ރަހީނުން ބަދަލު ކުރުމުގެ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހަމާސް ޖަމާއަތުން ވަނީ އެ އަންހެން މީހާ ރަހީނުކޮށް، ޣައްޒާއަށް ގެނެސްފައެވެ. އަދި އެ އަންހެން މީހާގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެ، އަންހެން މީހާގެ ފޮޓޯއެއް ވެސް މީސްމީޑިއާގައި ވަނީ އާންމު ކޮށްފައެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ހަމާސްއިން އެއަންހެން މީހާ ރަހީނުކޮށް، ޣައްޒާއަށް ގެނެސްފައިވަނީ "ބާގެއިނިން ޗިޕް" އެއްގެ ގޮތުގައެވެ. އެގޮތުން އިސްރާއީލުގައި ހައްޔަރުކޮށް، ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ދައުވާއެއް ނުކޮށް، ދޫކޮށްލުމަށް ވަނީ ހުށަހަޅާފައެވެ.

ހަމާސް ޖަމާއަތާއި އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް އިސްރާއީލުގެ 700 އަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ. އަދި މި ހަނގުރާމައިގެ ތެރެއިން ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ހަމާސްއިން އިސްރާއީލަށް މިމަހުގެ 7 ވަނަ ދުވަހު ކުއްލި ހަމަލާތަކެއް ދޭން ފަށާފައިވަނީ އިސްރާއީލުން ހުއްޓުމެއް ނެތި، ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ނަގާލައި ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.