ހަމާސް ޖަމާއަތާއި އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލް މީހުން، އެކަކު އަނެކަކަށް ހަމަލާދީ މަރަން ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އަލް-ގައްސާމް ބްރިގޭޑްސްގެ ސްޕޯކްސްމަން، އަބޫ އޮބައިދާއާއި ހަވާލާދީ މީޑިއާތަކުން ބުނީ، އެމީހުން އެކަކު އަނެކަކަށް ހަމަލާދީ މަރަނީ ހަމާސްގެ މީހުން އެމީހުން ރަހީނުކޮށް، ވަކި ތަނެއްގައި ބައިތިއްބާފައި ތިއްބާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ރަހީނު ކޮށްފައި ތިބި މީހުންގެ ތެރެއިން އިސްރާއީލް ސިފައިން މަރާލާފައިވަނީ އިސްރާއީލް ސިފައިން ދެކެ ނަފްރަތު ކުރާ މީހުންނެވެ.

އިސްރާއީލުން އަމިއްލަ ސިފައިން މެރަމުން އައި ނަމަވެސް، މަރުވެފައިވަނީ ކިތަށް މީހުން ކަމެއް އޮބައިދާ ހާމަ ކޮށްފައެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ހަމާސް ޖަމާއަތުން އިސްރާއީލަށް ކުއްލި ހަމަލާތައް ދޭން ފަށާފައިވާއިރު، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވެސް މިހާރު ވަނީ ރަސްމީކޮށް ހަނގުރާން އިއުލާނުކޮށް، ހަމަލާ ބަދަލު ކުރުންތައް ވަރުގަދަ ކޮށްފައެވެ.

އިސްރާއީލުން ހަމަލާތައް ވަރުގަދަ ކުރިނަމަވެސް، ހަމާސް ޖަމާއަތުގެ ގިނަ ބަޔަކު މިހާރު ވަނީ އިސްރާއީލުގެ އެކި ސިޓީތަކަށް ވަދެ، އިސްރާއީލްގެ ގިނަ ބަޔަކަށް ހަމަލާދީ، އިމްރާތްތައް ބިމާހަމަކޮށްފައެވެ. އެ ހަމަލާތަކުގެ ތެރެއިން މިހާތަނަށް ގިނަ ބަޔަކު ރަހީނު ވެސް ވަނީ ކޮށްފައެވެ.