ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލް ޝިފާ ހޮސްޕިޓަލް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ، އިސްރާއީލްގެ އަސްކަރިއްޔާ އިން ދެއްކި ވާހަކަ ހަމާސް އިން މިރޭ ދޮގުކޮށްފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ހަމާސް އިން ޝިފާ ހޮސްޕިޓަލް ބޭނުން ކުރާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އޭގެ ފަހުގައި، އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ޝިފާ ހޮސްޕިޓަލް ހުރި ސަރަހައްދުގެ ސެޓަލައިޓް ފޮޓޯއަކާއި 3ޑީ ކުރެހުމެއް ދައްކައިފައެވެ. އޭގައި، ހަމާސްގެ މުޖާހިދުން ތިބޭނެ ކަމަށް ބުނާ ތަންތަން ވެސް ދައްކާލާފައިވެއެވެ. އަދި ޝިފާ ހޮސްޕިޓަލްގެ އަޑީގައި ބިންގަރާސް ހަދައިގެން ހަމާސް މުޖާހިދުން ތިބި ކަމަށް ބުނެފައިވެއެވެ.

ހަމާސްގެ އޮޕަރޭޝަންތައް ހިންގަނީ ޝިފާ ހޮސްޕިޓަލް އަޑީގައި: އިސްރާއީލް

އިސްރާއީލުން ބުނެފައި ވަނީ ހަމާސްގެ މުޖާހިދުން ޝިފާ ހޮސްޕިޓަލްގައި "ކޮމާންޑް ސެންޓަރު" ހަދައިގެން އުޅޭ ފޮޓޯތައް ވެސް އެބަހުރި ކަމަށެވެ. އެކަމަކު، އެ ފޮޓޯތައް ހާމަކުރަން ކޮންމެހެން ބޭނުން ނުވާ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ނަމަވެސް ހަމާސް އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޝިފާ ހޮސްޕިޓަލްގައި ޒަހަމްވެފައި ތިބި މީހުންގެ އަދަދު ވެސް 10،000 އާ ގާތް ކުރެއެވެ. އަދި 2،000 ސިއްހީ އެހީތެރިން ހޮސްޕިޓަލްގައި މަސައްކަތް ކުރާ އިރު، އެ ހޮސްޕިޓަލް ތެރޭގައި އާއި ބޭރުގައި ބައިލައްކައާ ގާތް ކުރާ އަދަދަކަށް މީހުން އެބަތިބި ކަމަށް ބުނެފައިވެއެވެ.

ހަމާސް އިން ބުނާ ގޮތުގައި މިއީ އިސްރާއީލުން ޝިފާ ހޮސްޕިޓަލަށް ވައިގެ ހަމަލާއެއް ދިނުމަށް ދައްކަމުން އަންނަ ވާހަކައެކެވެ.

އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނީ ހަމާސްގެ މައިގަނޑު ބޭސް ހުންނަނީ ޝިފާ ހޮސްޕިޓަލްގެ އަޑީގައި ކަމަށެވެ. އެ ތަނުގައި ބައެއް ކޮމްޕްލެކްސްތައް ހުންނަ އިރު، ހަމާސް އިން އިސްރާއީލަށް ހަމަލާ ދިނުމަށް ބޭނުން ކުރަނީ އެ ތަން ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރުމެން އަތުގައި ހެކި އެބަހުރި، އެތައް ސަތޭކަ ޓެރަރިސްޓުން (މުޖާހިދުން) އެބަތިބި ހޮސްޕިޓަލަށް ފިލަން ގޮސްފައި،" އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެގަތުމަށް ފަހު، އެނބުރި ޣައްޒާ އަށް ވަތް ހަމާސްގެ މުޖާހިދުންނަށް އިޝާރާތް ކުރަމުން ހަގާރީ ބުންޏެވެ.

ހަގާރީ ބުނީ ހޮސްޕިޓަލް ބޭރުގައި ބިންގަރާތަކެއް ހުރި ކަމުގެ އިންޓަލިޖެންސް މައުލޫމާތު ވެސް އިސްރާއީލަށް ލިބިފައިވާ ކަމަށެވެ. އަދި އެ ކޮމްޕްލެކްސްތަކަށް ވަނުމަށް ހަމާސްގެ މުޖާހިދުން ބޭނުން ކުރަނީ ހޮސްޕިޓަލަށް ވަންނަ ދޮރުތަކުގެ ބަދަލުގައި އެ ބިންގަރާސްތައް ކަމަށް ވެސް ހަގާރީ ބުނެފައިވެއެވެ.

ހަގާރީ ބުނި ގޮތުގައި ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ޝިފާ ހޮސްޕިޓަލްގެ ވޯޑަކުން ވަދެގެން ގޮސް، ބިންގަރާސް ތެރެއަށް ދެވޭނެ މަގެއް ވެސް ހަދާފައިވެއެވެ.