އިސްރާއީލުގެ ނިރުބަވެރިން އެއްގަމު މަގުން ޣައްޒާއަށް އަރާފައިވާ ކަމަށް ޖޯޑަން އިން ބުނެފިއެވެ.

އިސްރާއީލުގެ ނިރުބަވެރިން ހަމާސް ޖަމާއަތް ނައްތާލަން ކުރާ މަސައްކަތުގެ ތެރެއިން ޣައްޒާގެ މުސްލިމުން މަރަމުން އަންނައިރު، ނިރުބަވެރިން ވަނީ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވެސް ވަރުގަދަ ކޮށްފައެވެ. އަދި މިހާރު ދެމުން އަންނަ ހަމަލާތަކަކީ މިހާތަނަށްދޭ އެންމެ ވަރުގަދަ ހަމަލާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން އެހެން ބުނެފައިވާ ދަނޑިވަޅެއްގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ޣައްޒާާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އިސްރާއީލުން ވަނީ މިރެއަކީ މިއީ އެރޭ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އެ އިންޒާރަކީ މިރޭގެ ވަގުތެއްގައި އެއްގަމު މަގުން އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް އެރުމަށް ދީފައިވާ އިންޒާރެކެވެ.

ޖޯޑަންގެ ފޮރިން މިނިސްޓަރ، އައިމަން ސަފަޑީ ބުނެފައިވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމައެއް ފަށާފައިވާ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް އަހަރުތަކުގައި އިންސާނީ ކާރީސާއެއް މެދުވެރިވާނެ ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގައި އަރަބި ގަރާރަކާ ދެކޮޅަށް ވޯޓު ދިނުމުގެ މާނައަކީ ހަނގުރާމައަކަށް އެއްބަސްވުން ކަމަށް ވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެއްގަމު މަގުންވެސް އަރާނެ، އެމީހުންބޭނުންގޮތަކަށް އަރާނީ. އެމީހުނަށް އެނގޭ މުސްލިމު ގައުމު ތަކުގެ ފިނޑިކަން. ހިތައްއެރިގޮތެއްއެހަދާލަނީ މުސްލިމު އުއްމަތް މިތިބެނީ ދިދަހޫރުވަން