ޔަމަނުން އިސްރާއީލްގެ ނިރުބަވެރިންނާއި ދިމާލަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ ގޮތުގައި، އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ޔަމަނުން ވަނީ އިސްރާއީލަށް ބެލެސްޓިކް މިސައިލްތަކާއި ޑްރޯންތައް ފޮނުވާލާފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މީޑިއާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

އިސްރާއީލްގެ ނިރުބަވެރިން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް ފާއިތުވި އަހަރުތަކުގައި ދެމުން ގެންދިޔަ ހަމަލާތަކާއި ގުޅިގެން ބަދަލު ހިފައި، ނިރުބަވެރިންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުގެ މުޖާހިދުން މިމަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައަށް މިއަދަށް 22 ދުވަސްވެފައިވާއިރު، ހަނގުރާމަ މިހާރު އޮތީ ހީވެސް ނުކުރާހާ ނުރައްކާ ފައްތަރެއްގައެވެ.

އިސްރާއީލުން ޣައްޒާއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައި، މިއަދު ވަނީ މިހާ ދުވަހު ދިން ހަމަލާތަކަށް ވުރެ ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. މީޑިއާ ރިޕޯޓްތަކުން އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް އެއްގަމު މަގުން އަރައި ހަމަލާތައް ދޭން ފެށި ކަމަށް ބުނި ނަމަވެސް އިސްރާއީލުން ވަނީ އެކަން ދޮގު ކޮށްފައެވެ.

އެގޮތުން އިސްރާއީލުން ބުނެފައިވަނީ އެއްގަމުން މަގުން ހަމަލާތައް ނުދޭ ކަމަށާއި ކުރިހާ ވެސް ކަމަކީ ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރުން ކަމަށެވެ. އިސްރާއީލުން އެފަދައިން ބުނި ނަމަވެސް، ހަމާސް ޖަމާއަތާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި އަސްކަރީ އުޅަނދުތަކުގައި ތިބި ނިރުބަވެރިން މަރާލާފައިވާ ކަމަށެވެ.