ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް އިސްރާއީލުގެ ނިރުބަވެރިން ބުނެފިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން، އިސްރާއީލުގެ ނިރުބަވެރިންނަށް މިމަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ބޮޑު ހަނގުރާމައެއް މިހާރު ފެށިފައިވާއިރު، ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުގެ ނޫސްވެރިން ދިޔައީ އެންމެ ކައިރިން އެ ހަނގުރާމައިގެ މައުލޫމާތު ދުނިޔެއަށް ފޯރުކޮށްދެމުންނެވެ.

ހަނގުރާމައިގެ މައިދާނުގައި ބައެއް ނޫސްވެރިން މަރުވެފައިވާއިރު، އިސްރާއީލުގެ ނިރުބަވެރިން ވަނީ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވެސް ވަރުގަދަ ކޮށްފައެވެ. އެހެން ކަމުން ކުރިއަށް އޮތްތަނުގައި ނޫސްވެރިން ވެސް ނުރައްކަލަށް ހުށަހެޅުން އެކަށީގެންވެއެވެ.

ރޮއެޓާސް ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ނިރުބަވެރި ސިފައިން ވަނީ ރޮއެޓާސް އާއި އޭއެފްޕީގެ ނޫސްވެރިންގެ ތެރެއިން ޣައްޒާގައި ތިބި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

ރޮއެޓާސް ނޫހާއި އޭއެފްޕީއަކީ ބޮޑެތި މީޑިއާތަކެވެ. މިއިން ކޮންމެ މީޑިއާއަކުން ވެސް ގިނަ ނޫސްވެރިންނާއި ފޮޓޯ ނަގާ ފަރާތްތަކާއި ވީޑިއޯ ނަގާ ފަރާތްތަކުން އަންނަނީ ޣައްޒާގެ މަސްރަހު ކަވަރު ކުރަމުންނެވެ.

އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް އިސްރާއީލުން ބުނުމުގެ މާނައަކީ ދެން ކުރިއަށް އޮތް ދުވަސްތަކުގައި އެއްވެސް މީހަކަށް ނުބަލާނެކަން ބުނުން ފަދަ ކަމެކެވެ.