އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ފަލަސްތީނުގެ ޣައްޒާގެ އުތުރު ސަރަހައްދުތަކަށް ރޭ ހަމަލާދީ، ހަމާސްގެ ބިމުގެ އަޑީގައި ހުރި 150 އަށްވުރެ ގިނަ ބިންގަރާސްތަކާއި ބަންކަރުތަކަށް ހަމަލާދީފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނީ، ވައިގެ ހަމަލާތަކުގައި ހަމާސްގެ ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށާއި ޣައްޒާގެ އެތެރޭގައި ސިފައިންނާ އެކު ހިނގި ގިނަ ކުރިމަތިލުންތަކުގައި ހަމާސްގެ މުޖާހިދުންތަކެއް ވެސް ޝަހީދުވެފައިވާ ކަމަށެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ހަމާސްގެ ކޮމާންޑަރުން ހިމެނޭ ކަމަށް އިސްރާއީލުން ބުނެއެވެ. އެކަމަކު، ހަމާސް އިން މިކަން ކަށަވަރެއް ނުކޮށްދެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ޝަހީދުކޮށްލި ކޮމާންޑަރުންގެ ތެރޭގައި އިސްރާއީލަށް ހަމަލާ ދިނުމުގެ ކަންކަން ރޭވުމުގައި އުޅުނު ކޮމާންޑަރުން ހިމެނޭ ކަމަށެވެ.

އިސްރާއީލުން ވަނީ ޣައްޒާގައި ރޭގަނޑު އަދި ހޮނިހިރު ދުވަހުގެ ހެނދުނު ހަރަކާތްތެރިވާ އެއްގަމު ސިފައިންގެ ފުޓޭޖް އާންމުކޮށްފައެވެ.

ޣައްޒާ ސިޓީ އާއި ޣައްޒާގެ އުތުރުގެ އެހެން ސަރަޙައްދުތަކަށް ވަރަށް ބޮޑަށް ހަމަލާ ދޭނެ ކަމަށް އިސްރާއީލުން ދަނީ އިންޒާރު ދެމުންނެވެ. އިސްރާއީލުން ބުނީ ޣައްޒާ އަށް ތެޔޮ ވެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ތެލަކީ ހަމާސް އިން އިސްރާއީލަށް ހަމަލާ ދިނުމަށް ބޭނުން ކުރާ އެއް ވަސީލަތް ކަމަށެވެ.

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ތެރޭގައި އިންޓަނެޓާއި ފޯނުގެ ހިދުމަތްތައް މިހާރު ވަނީ އެއްކޮށްހެން ކަނޑާލާފައެވެ.

ފަލަސްތީނުގެ ޓެލެކޮމް ކުންފުނި ޕަލްޓެލް އިން ބުނީ ބޮމުގެ ހަމަލާތަކުގެ ސަބަބުން އިންޓަނެޓާއި ސެލިއުލާ އަދި ލޭންޑްލައިންގެ ހިދުމަތްތަކަށް މުޅިން ބުރޫ އަރާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަަލީބުނީ

    މުސްލިމް ބޮޑެތި ގައުުމު ތަކުގެ ވެރިންނޭވެ. ކަލޭމެނައް ކުޅެން ނުކެރޭ ވަރުގެ ހަތިޔާރު ނުގެންގުޅޭށެވެ! އެ ހަތިޔާރާ ކުޅެން ކެރޭވަރުގެ ހިއްވަރު ހުރި މުޖާހިދުނައް ދޭށެވެ. ފުރަތަމަ ދީނެވެ އެއައްފަހު ގައުމިއްޔަތެވެ. ކަލޭމެން ބޮލައް މިހާރު ވައްދާފަ އޮތީ ދީނައްވުރެ ގައުމިއްޔަތު މުހިއްމު ގޮތުގައެވެ. ދީނައްވުރެ ގައުމިއްޔަތު އިސްކުރާ ބައެއްގެ އެއްވެސް ގައުމިއްޔަތެއް ނުއޮއްނާނެވެ!!! ޔާﷲ މުޖާހިދުންނައް ގަދަކަން ދެއްވާށި