އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، ޝިފާ ހޮސްޕިޓަލް ކައިރިއަށް ބޮން އެޅުމުގެ ސަބަބުން ހޮސްޕިޓަލަށް ވަދެވެން އޮތް ގިނަ މަގުތަކެއް ހަލާކުވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނި ގޮތުގައި އިސްރާއީލްގެ އަސްކަރީ ޖެޓްތަކުން ބޮން އަޅަމުން ދަނީ ވަރަށް ގިނަ އަދަދެއްގެ ބަލި މީހުންނާއި ހިޔާ ވަހިކަން ހޯދައިގެން އެ ސަރަހައްދުގައި ގިނަ ބަޔަކު ތިއްބައެވެ. މުޅި އެ ސަރަހައްދުގައި އެކަނި ވެސް 80،000 އާ ގާތް ކުރާ މީހުން ތިބޭނެ ކަމަށްވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި މިހަމަލާތައް ކުރިއަށް ގެންގޮސްފައިވަނީ އެސަރަހައްދުގައި ހަމާސްގެ ސިއްރު ކޮމާންޑް ޕޯސްޓެއް އޮތުމުންނެވެ. ރައްޔިތުން ބުނީ އެންމެ ފަހުގެ ހަމަލާތަކުގައި ޣައްޒާ ސިޓީގެ ޝިފާ ހޮސްޕިޓަލަށް ދާ ގިނަ މަގުތައް ހަލާކުވެފައިވާ ކަމަށެވެ.

"ހޮސްޕިޓަލަށް ދިއުމަކީ ދުވަހެއް ދުވަހަކަށް ދަތިވެފައިވާ ކަމެއް، ހީވަނީ އެމީހުން އެ ސަރަހައްދު ކަނޑާލަން ބޭނުންވާހެން.” ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދަމުންދާ މަހްމޫދު އަލް ސަވާހް ބުންޏެވެ.

ސީއެންއެންގައި ރިޕޯޓްކޮށްފައިވާ ގޮތުން ރޭ ވެސް ޣައްޒާގެ އާއްމުންގެ އެތައް ބަޔަކު ހޭދަކުރީ ގާތްތިމާގެ މީހުން ޝަހީދުވުމުގެ ހިތާމައިގައެވެ. އަދި ވައިގެ މަގުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ސީއެންއެންގެ ވީޑިއޯއަކުން އެނގޭ ގޮތުން ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިން ގިނަ އަދަދަކަށް ހިމެނެއެވެ. އަދި ޣައްޒާގެ އެތައް އާއްމުންނެއް ވަނީ ރޭގެ ހަމަލާތަކާއި ގުޅިގެން އަލް އަޤްސާ މާރޓީސް ހޮސްޕިޓަލް ކައިރިއަށް ޖަމާ ވާން ފަށާފައެވެ.

ނިރުބަވެރި އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިވަނީ 8،000 އަށްވުރެ މައްޗަށް އަރާފައެވެ.

ހޮނިހިރު ދުވަހުގެ ކުރިން ޖުމްލަ 84 އެހީ ޓްރަކް ޣައްޒާއަށް ވަދެފައިވާއިރު، މިއީ ކަރަންޓާއި ކާނާއާއި ސިއްހީ ސާމާނާއި ސާފު ބޯފެން ބޭނުންވާ 2.3 މިލިއަން މީހުންގެ އާބާދީއަކަށް ކުޑަ އަދަދެކެވެ.