ނިރުބަވެރިން ފަލަސްތީނުގެ އާއިލާއެއް "ހުދު ދިދަ" ދެއްކުމުން ވެސް ޝަހީދު ކޮށްލައިފިއެވެ.

ހުދު ދިދަ އަކީ ބަޔަކު މީހުންގެ ފަރާތުން ނުރައްކަލެއް ނާންނާނެ ކަމަށާއި އަމާންދިންކަން ދައްކުވައިދިނުމުގެ ގޮތުން ޒަމާނުއްސަރު ބޭނުން ކުރަމުން އަންނަ ދިދައެކެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ފަލަސްތީނުގެ އާއިލާއެއް ޝަހީދު ކޮށްލާފައިވަނީ އެމީހުން ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލުން ނުކުތް ވަގުތުއެވެ. އެގޮތުން އެމީހުން ނުކުތީ ހުދު ދިދަ ހިފައިގެން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އަމާންދިންކަން އިއުލާނު ކޮށްގެން ހޮސްޕިޓަލުން ނުކުތް ފަލަސްތީނުގެ އާއިލާއެއް ޝަހީދު ކޮށްލާފައިވާއިރު، އިއްޔެއަކީ ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށް ނިރުބަވެރިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ދުވަހެކެވެ. އެގޮތުން ގިނަ ހޮސްޕިޓަލްތަކަށް ފުލުފުލުގައި ހަމަލާ ދިނުމުގެ ސަބަބުން ބައެއް ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ހުއްޓި، ހޮސްޕިޓަލްތައް ވަނީ ބަންދު ކުރެވިފައެވެ.