ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުން ސަލާމަތްވުމަށް ކްލިނިކެއްގައި ބޯހިޔަވަހިކަން ހޯދަމުން ދިޔަ އެތައް ސަތޭކަ ބަޔަކަށް ނިރުބަވެރިން ބޮމުގެ ހަމަލާދީފިއެވެ.

ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނިޓަރގެ ޗެއާމަން، ރާމޫ އަބްދު ބުނި ގޮތުގައި ނިރުބަވެރިން ހަމަލާތައް އަމާޒުކޮށްފައިވަނީ އަލް ޝާޓީ ކޭމްޕުގައި ހުންނަ ސުވިޑަންގެ މެޑިކަލް ކްލިނިކަށެވެ. އެތަނަށް ހަމަލާދިން އިރު، އެތަނުގައި 500 އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ހަމާސް ޖަމާއަތާއި ދެކޮޅަށް ހިންގާ ހަނގުރާމަައެއް ކަމަށް ނިރުބަވެރިން ބުނި ނަމަވެސް، ފާއިތުވި 2 ދުވަހު ނިރުބަވެރިންގެ ހަމަލާތައް އަމާޒުވެފައިވަނީ ޣައްޒާގައި ހުންނަ ހޮސްޕިޓަލްތަކަށެވެ. މިހަމަލާތަކުގެ ސަބަބުން މިހާތަނަށް 21 އަށްވުރެ ގިނަ ހޮސްޕިޓަލްތައް ވަނީ ބަންދު ކޮށްފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އެންމެ ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލަށެވެ. އެގޮތުން ހޮސްޕިޓަލަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުން އަންނައިރު، ބަލި މީހުންނަށް ފަރުވާ ނުދެވި ގިނަ މީހުން ހޮސްޕިޓަލުގެ ބިންމަތީ މަރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.