އިސްރާޢީލްގެ އަސްކަރިއްޔާގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 1،130 އަށް ވުރެ ގިނަ ގަތުލުއާންމު ހިންގާފައިވާ ކަމަށް ފަލަސްތީނުގެ ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ނިރުބަވެރިންގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 11،100 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި 8،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށާއި އަދި ޒަޚަމްވި މީހުންގެ އަދަދު 28،000 އަށް ވުރެން ގިނަ ކަމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން އާދީއްތަ ދުވަހު ބުނެފިއެވެ. މިއަދާ ހަމައަށް މިވަނީ މި ހަނގުރާމަޔައް 36 ދުވަސް ވެފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ ހުއްޓުމެއް ނެތި އިސްރާއިލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލްތަކަށް އަމާޒުކޮށް، ދެމުންދާ ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދުތަކުގެ ސައްހަ ތަފާސް ހިސާބުތައް އިއްޔެ ނެރެފައި ނުވާ ކަމަށް އެ ވުޒާރާއިން ނެރުނު ބާޔާނެއްގައި ބުނެއެވެ.

ޣައްޒާގެ އެކި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ނިރުބަވެރިން ހަމަލާދޭ އިރު، އެންމެ ފަހުން ލިބޭ މައުލޫމާތަށް ބަލާއިރު، ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނެފައިވަނީ ހަމަލާތަކުގެ ސަބަބުންނާއި ތެޔޮ ނުލިބުމުގެ ސަބަބުން އަލް ގުދުސް ހޮސްޕިޓަލްގެ ހުރިހާ ހިދުމަތެެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން މީގެ ކުރިން ޝިފާ ހޮސްޕިޓަލުގެ ހިދުމަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން ނިރުބަވެރިންނާއި ދެކޮޅަށް ދިން ހަމަލާތަކާއި ގުޅިގެން ނިރުބަވެރިން އަންނަނީ މުޖާހިދުންނަށް އަމާޒުކޮށް ކަމަށް ބުނެ، ޣައްޒާގެ އާންމު ރައްޔިތުންނަށް ހަމަލާދެމުންނެވެ.

އެގޮތުން ހޮސްޕިޓަލްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕް، ސްކޫލްތަކުގައި ބޯހިޔާވަހިކަން ހޯދަމުން އަންނަ ރައްޔިތުންނަށް ގިނަ ހަމަލާތަކެއް ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ،