ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލުގެ ކައިރި ސަރަހައްދުތަކުގަޔާއި، ހޮސްޕިޓަލުގެ ގޯތި ތެރޭގައި ޝަހީދުވެފައިވާ އެތައް ބައެއްގެ ހަށިގަނޑުތައް އެބަ ހުރި ކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފިއެވެ.

ޣައްޒާ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާޤޫތު ބުނެފައިވަނީ ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ވަޅުލަން ބޭނުންވިޔަސް އެކަން ނުކުރެވޭ ކަމަށެވެ.

”އަހަރެމެން ވާނީ އެ ހަށިގަނޑުތައް ވަޅުލެވޭނެ ގޮތެއް ވޭތޯ އަހާފައި، އެކަމަކު އަލް ޝިފާ ހޮސްޕިޓަލުގެ ގޯތި ތެރެއަށް ނުކުންނަ ކޮންމެ މީހަކު ގަޔަށް ބަޑި ޖަހާ.”މުހައްމަދު ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އެކި ސަރަހައްދުތަކަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފައިވާތީ، ޝަހީދުވާ މީހުންގެ ސީދާ އަދަދު ޣައްޒާގެ ހެލްތް މިނިސްޓްރީއަށް މިހާރު ރިޕޯޓު ނުކުރެވޭ ކަމަށެވެ.

ޝަހީދު ވެފައިވާ މީހުންގެ ހަށިގަނޑުތައް ކައިރިއަށް ދިއުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އަލް ޝިފާ ހޮސްޕިޓަލުގެ އެމްބިއުލާންސްތަކަށްވެސް އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ އެމްބިއުލާންސް ޑްރައިވަރެއްވެސް ވަނީ ބުނެފައެވެ.

އަލް ޝިފާ ހޮސްޕިޓަލުގެ ސާޖަރީ ޑިޕާޓްމެންޓގެ ވެރިޔާ ޑރ މަރުވާން އަބޫ ސާދާ ބުނެފައިވަނީ ހޮސްޕިޓަލުގެ ވަށައިގެން މެދުނުކެނޑި ހަމަލާތައް ދެމުން ގެންދާ ކަމަށާއި، ފާއިތުވާ ކޮންމެ ގަޑިއިރަކާއި އެކު ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ.

”ބަޑި އާއި ބޮމުގެ ހަމަލާތައް ހުރިހާ ތަނަކަށް ދަނީ ދެމުން، އެ އަޑުތައް ދަނީ އަލް ޝިފާ ހޮސްޕިޓަލުގެ ވަށައިގެން ކޮންމެ ސިކުންތަކުވެސް އިވެމުން. އެއްވެސް މީހަކަށް ބޭރަކަށް ނުދެވޭ. އެއްވެސް މީހަކަށް އެތެރެއަކަށް ނުވަދެވޭ. ހޮސްޕިޓަލު ދޫކޮށް ދާން މަސައްކަތްކުރި މީހުންގެ ގަޔަށް ވަނީ މަގުމަތީގައި ބަޑި ޖަހާފައި. ބައެއް މީހުން ވަނީ ޝަހީދުވެފައި، އަނެއްބައި މީހުން ވަނީ ޒަހަމް ވެފައި.” ޑރ މަރުވާން ބުނެފައި ވެއެވެ.

”މިތަނުގައި ކަރަންޓެއް ނެތް، ފެނެއް ނެތް، އަހަރެމެން އަތުގައި ކާއެއްޗެއްސެއްވެސް ނެތް. މިތަނުގައި ޝަހީދުވެފައި ތިބި އެތައް ބަޔަކު އެބަ ތިބި، އަދި އެމީހުންގެ ހަށިތައް ވަޅުލަން އަހަރެމެން ބޭނުން. އެކަމަކު އެކަމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ބުނަން ޖެހުމަކީ ހިތާމަ ހުރި ކަމެއް. ބޮޑު ކަށްވަޅެއް ކޮނުމުގެ މަސައްކަތް އަހަރެމެން ކުރިން، އެކަމަކު އިސްރާއީލުން އަހަރެމެންނަށް ހަމަލާ ދިނީ.” އޭނާ ބުނެފައި ވެއެވެ.

ހަމާސް އިން ހޮސްޕިޓަލު ތަކުން އޮޕަރޭޓް ކުރާ ކަމަށް ބުނެ، އާންމުންނާއި، ބަލި މީހުންނާއި، ކުޑަ ކުދިންނާއި، އަލަށް އުފަންވެފައިތިބި ތުއްތު ކުދިންނަށްވެސް ބެލުމަށް ނެތި ނިރުބަވެރި ޔަހޫދީން ދަނީ އަލް ޝިފާ ހޮސްޕިޓަލަށާއި ޣައްޒާގެ އެހެނިހެން ހޮސްޕިޓަލުތަކަށް ހަމަލާ ދެމުންނެވެ.