ޣަައްޒާއަށް ތެޔޮ އެތެރެ ކުރުން ހުއްޓުވާފައި ވުމުން، ޣައްޒާގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި ކަމަށްވާ ޖައްވަލް އަދި ޕަލްޓެލްގެ ހިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ ދެ ކުންފުނިން ބުނެފިއެވެ.

އެކްސްގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި އެ ދެ ކުންފުނިން ބުނެފައިވަނީ އެ ކުންފުނިތަކުގެ ހިދުމަތްތައް ދޭން ބޭނުން ކުރަމުން ދިޔަ ހުރިހާ ހަކަތައެއް ހުސްވެފައިވާ ކަމަށެވެ. ތެޔޮ ހުސްވުމުގެ ސަބަބުން ހިދުމަތްތައް ނުދެވި، ޣައްޒާ “ފުރިހަމަ އަނދިރިކަމަކަށް” ގޮސްފައިވާ ކަމަށް އޭގެ އެއްދުވަސް ކުރިން އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.

އެ ކުންފުނިތަކުން ބުނެފައިވަނީ ނެޓްވޯކުގެ ޒަރޫރީ ބައިތައް ހިންގުމަށްޓަކައި ބުދަ ދުވަހުގެ މެންދުރުއްސުރެ ބަރޯސާ ވެފައިވަނީ ބެޓެރީ ހަކަތައަށް ކަމަށެވެ.

މިހާރު ޣައްޒާގެ ހުރިހާ ފިކްސްޑް، ސެލިއުލާ އަދި އިންޓަނެޓް ހިދުމަތްތައް ވަނީ މެދުކެނޑިފައެވެ. އެއާއި އެކު ޣައްޒާގެ 2.3 މިލިއަން ރައްޔިތުން މިހާރު ވަނީ އެކަކު އަނެކަކާއި މުއާމަލާތު ނުކުރެވި އަދި ޣައްޒާގެ ބޭރުގެ ދުނިޔެއާއި ގުޅުންތައް ކެނޑިފައެވެ.

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފައިވަނީ އެމްބިއުލާންސްތައް މިހާރު އޮތީ ނާސިރު ހޮސްޕިޓަލުގެ ބޭރުގައި ކަމަށާއި ހަމަލާތަކުގެ ހަބަރުގެ އިންތިޒާރުގައި ސިއްހީ އެހީތެރިން މަޑުކޮށްގެން ތިބި ކަމަށެވެ. އަދި މިއީ މިފަދައިން ކަންތައްތައް ވާ ފުރަތަމަ ފަހަރު ނޫން ކަމަށާއި، އަދި މި ހާލަތުގެ ސަބަބުން ތަންތަނަށް ބޮން އެޅުމުން އެމްބިއުލާންސް ތަކަށާއި އެހީގެ ޓީމުތަކަށް ނުގުޅި، ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށްވެސް ނޫސްވެރިޔާ ބުނެފައި ވެއެވެ.

ޣައްޒާގެ މުއާސަލާތީ ގުޅުންތައް ކެނޑިފައިވާ އިރު ޔަހޫދީ ނިރުބަވެރިން ދަނީ ހުއްޓުމެއްނެތި ޣައްޒާގެ ހުރިހާ ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ.

ޣައްޒާގައި ތިބި ނޫސްވެރިން ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން ހަބަރު އަޑުއެހުމަށް މިހާރު ބަރޯސާ ވަނީ ރޭޑިއޯތަކަށް ކަމަށެވެ. އަދި އިސްރާއީލުގެ ސިފައިން ގަސްތުގައި މުއާސަލާތީ ޓަވަރުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދުނިޔެއާއި އެކަހެރިވެފައިވާ ކަމަށްވެސް ނޫސްވެރިން ބުނެފައިވެއެވެ.

ޣައްޒާގެ މުއާސަލާތީ ގުޅުންތައް ކެނޑިފައި ވުމުން އިސްރާއީލުން ހިންގަ ލާއިންސާނީ ޖަރީމާތައް ދުނިޔެއަށް ފޮރުވަންވެސް ފަސޭހަ ވެގެންދާނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ދިން ކުއްލި ހަމަލާއާއި އެކު އިސްރާއީލުން ޣައްޒާ އެކުގައި ހިސޯރު ކޮށް، ޣައްޒާއަށް ތެޔޮ ވެއްދުން އޮންނަނީ މަނާކޮށްފައެވެ. އޭރުއްސުރެ ފެނާއި، ކާބޯތަކެއްޗާއި، ޒަރޫރީ ވަސީލަތްތައް ޣައްޒާއަށް އެތެރެ ކުރުން މަނާކޮށް، އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ބޮން އަޅަމުންދާއިރު މިހާތަނަށް 11600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށް ނުވަތަ މަރާލާފައެވެ.