ނިރުބަވެރި އިސްރާއީލުން މިއަދު ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލް މަގުގައި ހުރި އަށް ގެއަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފީއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްގައިވާގޮތުގައި މި ވައިގެ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. އަދި އެތައް ބަޔަކު އަދިވެސް ތިބީ ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ގެއްލިފައި ކަމަށް ބުނެފައި ވެއެވެ.

އެ ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން ފެންނަނީ އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ތަނެވެ. އަދި ސަލާމަތްކުރާ މީހުން ވަނީ ހާލުގައި ޖެހިފައިވާ މީހުން ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.

އަޑުގަދަކޮށް ރޮމުން ދިޔަ އެކަކު އޭނާގެ ފޯނުގައި ހުރި ހަމައެކަނި ފްލޭޝްލައިޓް ބޭނުންކޮށްގެން ރައްޓެހިންނާއި އާއިލާގެ މީހުން ހޯދުމުގެ މަސައްކަތް ކުރާ ތަން ވެސް ފޮޓޯތަކާއި ވީޑިއޯތަކުން ފެނިގެން ދެއެވެ.

އެ ތަނުގެ އެމްބިއުލާންސްގައި މަސައްކަތް ކުރާ ކްރޫއަކު ބުނެފައިވާ ގޮތުގައި ޝަހީދު މީހުންނާއި ޒަހަމްވި މީހުން އުފުލުމަށް އެމީހުންގެ އަތުގައި އޮތީ އެންމެ ދެ އެމްބިއުލާންސެވެ.

ޕެރަމެޑިކް މީހަކު ބުނި ގޮތުގައި އެ ގެތަކުގައި 10 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އިރު، އެއް ގޭގައި 18 މީހުން ދިރިއުޅެއެވެ.