ރަޝިއާގެ އަސްކަރިއްޔާ އަށް އައު ސަބްމެރިންތަކެއް ހޯދައިފިއެވެ.

ސޯވިއެޓް ޔޫނިއަން ޒަމާނުއްސުރެ ވެސް ރަޝިއާގެ އަސްކަރިއްޔާ އަށް އައު އަހަރު ފެށުމުން އައު ސަބްމެރީން އަދި މަނަވަރުތައް ހޯދައެވެ. މިއީ ރަޝިއާގެ އަސްކަރިއްޔާގެ ޒަމާންވީ އާދަކާދަ އެކެވެ. ނަމަވެސް 2023 ވަނަ އަހަރަށް ވުރެ 2024 ވަނަ އަހަރު ރަޝިއާއިން މި ވަނީ އާދަޔާ ހިލާފަށް ގިނަ އަދަދަކަށް އުޅަނދުތައް އަސްކަރިއްޔާގެ ހިދުމަތަށް ނެރެފައެވެ.

2023 ވަނަ އަހަރަކީ ރަޝިއާގެ ކަނޑުގެ އަސްކަރިއްޔާ އަށް ކާމިޔާބު އަހަރެކެވެ. މަދުން ނަމަވެސް ޔޫކުރޭނުގެ ހަމަލާތައް އަރައި ބައެއް އުޅަނދުތަކަށް ގެއްލުންވި ނަމަވެސް ރަޝިއާގެ ކަނޑުގެ ސިފައިން ވަނީ ހަނގުރާމައިގައި ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ.

ރަޝިއާގެ ކަނޑުގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކޮށް ޒަމާނީ ހަތިޔާރު ބޭނުން ކުރާ އަސްކަރިއްޔާ އަކަށް ހެދުމަކީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ހުވަފެންފުޅެކެވެ. މިހާރު ރަޝިއާ ވެސް ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައިވާތީ މި ހުވަފެން ހަގީގަތަކަށް ހެދުން ރައީސް ޕޫޓިން އަށް މިހާރު ވެފައިވަނީ މަޖުބޫރު ކަމަކަށެވެ.

ރަޝިއާގެ ކަނޑުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން ހިންގާ ހާއްސަ ހަރަކާތްތައް ފެށުމުގެ ގޮތުން މި ދިޔަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހު ވަނީ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާގައި ރަޝިއާގެ ރައީސް ޕޫޓިން ވެސް ވަނީ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާއި އެކު ބައިވެރިވެ ވަޑައިގެންފައެވެ. އެ ހަފްލާގައި ކަނޑުގެ ފްލީޓްގެ އެންމެ މުހިއްމު ދެ އުޅަނދު ކަމަށްވާ 2 ނިއުކުލިއަރ ސަބްމެރީންވެސް ވަނީ ރަޝިއާގެ އަސްކަރީ ހިދުމަތަށް ތައާރަފް ކޮށްފައެވެ.

ރަޝިއާ އިން އަސްކަރީ ހިދުމަތަށް ނެރުނު ފުރަތަމަ ސަބްމެރީނަކީ "އިންޕަރޭޓާ އެލެކްޒަންޑަރ 3" އެވެ. އެއީ ޖާސޫސް ކުރުމަށާއި ފާރަލުމުގެ ހަރަކާތްތަކަށް ބޭނުން ކުރާ ޒާތުގެ ނިއުކުލިއަރ ސަބްމެރީނެކެވެ.

އަދި ދެވަނަ އަށް އަސްކަރީ ހިދުމަތަށް ނެރެފައިވަނީ "ކޮރޮކްސްނޮވަކްސް" ކިޔާ އެޓޭކް ސަބްމެރީނެކެވެ. މި ދެ ސަބްމެރީން އަކީ ވެސް ރަޝިއާޔެ ސުޕަސޮނިކް މިސައިލް ކަމަށްވާ 3އެމް22 ޓުސިރްކޮން މިސައިލް އުފުލުމާއި ލޯންޗު ކުރުމުގެ ގާބިލް ކަން ލިބިފައިވާ ދެ ސަބްމެރީނެވެ.

މި ދެ ސަބްމެރިން ވެސް ހިމެނެނީ ރަޝިއާ އިން ހާއްސަ ސަމާލުކަމެއް ދީގެން ތަރައްގީ ކުރާ އެ ގައުމުގެ ޕެސިފިކް ފްލީޓް ގައެވެ.