ތެޔޮ ނުލިބުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި ގާއިމްކޮށްފައިވާ ޖަނަރޭޓަރުތައް މަސައްކަތް ކުރުން ހުއްޓިދާނެ ކަމުގެ އިންޒާރު ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އިންޒާރު ދީފިއެވެ.

"ބަލި މީހުންނަށް ހިދުމަތް ދިނުމުގައި ދެމިތިބުމަށާއި ފުރާނަ ރައްކާތެރިކުރުމަށް ޓަކައި ބޭނުންވާ ތެޔޮ އަވަހަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެންމެހާ، ބައިނަލްއަގުވާމީ އަދި އިންސާނީ މުއައްސަސާތަކަށް އިލްތިމާސް ކުރަން،". އެ މިނިސްޓްރީން މީސް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.

ޣައްޒާއަށް ތެޔޮ ލިބުމަކީ ވަރަށް ބޮޑު މައްސަލައަކަށްވެފައި ވަނީ އިސްޜާއޯލުން އެއީ އަސްކަރީ އަދި މަދަނީ ބޭނުންތަކަށް ބޭނުން ކުރެވޭނެ "ޑުއަލް ޔޫސް" އައިޓަމެއްގެ ގޮތުގައި ގިންތިކޮށްފައިވާތީއެވެ.

އިސްރާއީލުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ސްކޫލްތަކަށާއި ހޮސްޕިޓަލްތައް ފަދަ ތަންތަނަށް އަމާޒު ކުރަމުންދާ އިރު، މިކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ވަނީ ނުކުޅެދިފައެވެ.

އަރަބި ބޮޑެތި ގައުމުތަކުން މިކަމުގައި އެއްވެސް ފިޔަވަޅެއް ނާޅައި ތިބޭތީ ވަރަށް ގިނަ މުސްލިމުންގެ ނުރުހުން އަރަބި ގައުމުތަކުގެ ބައެއް ލީޑަރުންނަށް ދަނީ އަމާޒުވަމުންނެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު 35،000 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުވެފައެވެ. އަދި 50،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.