ހޫނު ގަދަވެގެން ޣައްޒާގެ ކުޑަ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެކުއްޖާ ނިޔާވެފައިވަނީ ރަފާހުގައެވެ.

ހޫނު ގަދަވެގެން އެކުއްޖާ ނިޔާވެފައިވާއިރު، އެކުއްޖާގެ އުމުރެއް މިހާތަނަށް އެއްވެސް މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ވެސް އާންމު ކޮށްފައެއް ނުވެއެވެ.

ޣައްޒާގެ އެކި ހިސާބުތަކުގެ ހޫނުމިން ވަރަށް މައްޗަށް ގޮސްފައިވާއިރު، ޚާއްސަކޮށް ރަފާހުގެ ހޫނުމިން ވަރަށް މައްޗަށް ގޮސްފައިވާކަން މީޑިއާތަކުން މިއަދު ވަނީ ފާހަގަ ކޮށްފައެވެ.

ރަފާހުގެ ހޫނުމިން މައްޗަށް ގޮސްފައިވާއިރު، އެސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގެއް ވެސް ނެތެވެ. މަދު ތަންތަން ބޯހިޔާވަހިކަން ހޯދަން ހުރިއިރު، އެތަންތަނަށް ވެސް ނިރުބަވެރި އިސްރާއީލުން އަންނަނީ ފުލުފުލުގައި ހަމަލާތައް ދެމުންކަން ފާހަގަ ކޮށްލެވެއެވެ.