ފާއިތުވި 24 ގަޑިއިރު ފަލަސްތީނުގެ ޣައްޒާއިން އިތުރު 32 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ވަނީ 32 މީހަކު ޝަހީދުކޮށްލުމުގެ އިތުރުން 69 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިއާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު 34،388 އަށް އަރާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޒަހަމްވި މީހުންގެ ޖުމްލަ އަދަދު 77،437 އަށް ވަނީ އަރާފައެވެ.

ނިރުބަވެރިން ފާއިތުވި 24 ގަޑިއިރު ގިނަ ބަޔަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އެމީހުން ދިރިއުޅެމުން ދިޔަ ސަރަހައްދުތަކަށް ދިން ހަމަލާގައެވެ. އެގޮތުން ބައެއް ހަމަލާތައް ޚާން ޔޫނިސްގެ ބައެއް ސަރަހައްދުތަކަށް ދީފައިވާއިރު، ރަފާހުގެ ބައެއް ސަރަހައްދުތަކަށް ވެސް ރޭ ހަމަލާދީފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިންނާއި ޣައްޒާގެ ހަނގުރާމަވެރިންނާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުމަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެވެ.