ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އުމުރުން 70 އަހަރުގެ ޖޫލިއަން ޕެރެރާގެ އަތުން ގިނަ އަދަދެއްގެ ފައިސާ އާއި ރަން ގެއްލުނީ ދަބަހެއްގެ ތެރެއަށް ލައިގެން އުޅެނިކޮށް އޭނާ އެރި އޮޓޯއެއްގެ ތެރޭގައި ބަހައްޓާފައި ދިއުމުންނެވެ.

އެ ތަކެތި ގެއްލުމުން އެކަމާއި ވަރަށް ބޮޑަށް ދެރަވެފައި ހުރި ޖޫލިއަންއަށް ސަޕްރައިޒެއް ދީފައި ވަނީ އިންޑިއާގެ މުމްބާއީ ފުލުހުންނެވެ.

ޖޫލިއަންގެ އަތުން މި ތަކެތި ގެއްލުނީ ކައިވެނީގެ ހަފްލާއަކަށް ދިއުމަށް ދަރިފުޅުގެ ފިރިމީހާގެ ގެއަށް ދިއުމަށްޓަކައި އެރި އޮޓޯއެއްގެ ތެރޭގައި ބަހައްޓާފައި ދިއުމުންނެވެ. ޗާރކޮޕްގައި އޮތް ކައިވެނީގެ ހަފްލާއަށް ގޮސް ހުއްޓާ އެ ތަކެތި އޮޓޯގައި ބެހެއްޓިފައިވާކަން ހަނދާންވުމުން، ވަގުތުން އެކަން ފުލުހުންނަށް އެންގިއެވެ.

އަދި ފުލުހުން ވަނީ އެތަކެތި ހޯދުމުގެ މަސައްކަތް ފަށާފައެެވެ. އެގޮތުން ޖޫލިއަން އެރި އޮޓޯ ޓްރެކް ކުރުމަށް ފުލުހުން ސީސީޓީވީ ފޫޓޭޖްވެސް ބެލިއެވެ. އަދި އެންމެ ފަހުން އެ އޮޓޯ ޑްރައިވަރުވެސް ހޯދިއެވެ. އަދި އޭނާ މިހާރު ވަނީ ޖަލަށްވެސް ލާފައެވެ.

ފުލުހުން ބުނީ، އެ މީހާ ހޯދުމަށްފަހު އެެގެއަށް ގޮސް ބެލިބެލުމުން އެ އަންހެން މީހާގެ ދަބަސް ފެނުނެވެ. ނަމަވެސް އޭގައި ހުރި ރަނާއި ފައިސާ އެއް ނެތެވެ. އެ ފިރިހެން މީހާ ބުނިގޮތުގައި، އެއީ ކޮން ދަބަހެއްކަން ނޭގެއެވެ. ނަމަވެސް އޭނާ އެ ހެދީ ދޮގުކަން ފުލުހުންނަށް އެނގިގެން ފުލުހުން އެ ގެ ބެލިބެލުމުން އެނގުނުގޮތުގައި، އެ ރަންތައް ހުރީ ފޮއްޓަކަށް އަޅާފައެވެ.

ޖޫލިއަންގެ އަތުން ގެއްލުނު ހުރިހާ އެއްޗެއް ފުލުހުންނަށް ހޯދުނެވެ. އަދި ޖޫލިއަންގެ ގެއަށް ގޮސް އެ ތަކެތި ހަވާލުކުރި ދުވަހަކީ ޖޫލިއަންގެ އުފަން ދުވަހެވެ.

އޭނާ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާކަމަށް ވެއެވެ.