ޞިއްޙީ ގޮތުން، ވަރަށް މަދުން ނޫނީ ނުވާ ކަންކަން ހުރެއެވެ. ހާހަކުން އެއް ފަހަރު ނުވަތަ 500 އަކުން އެއް ފަހަރު ކުރިމަތިވާ ކަންކަން ހުރެއެވެ. މިފަދައިން މަދުން ދިމާވާ ކަންކަމަކީ، އެކަންކަމުގެ ފަރުވާވެސް މަދު ކަންކަމެވެ.

އުމުރުން އެންމެ 10 އަހަރުގެ ހަމިޝް ރޮބިންސަން އަކީވެސް މިފަދަ ކަމެއް ތަހަންމަލު ކުރަމުންދާ ކުއްޖެކެވެ. ބުނެވޭ ގޮތުގައި މިއީ މިކަންތައް ދިމާވެފައިވާ، ދުނިޔޭގައި ހުރި ހަމައެކަނި ފަރާތްވެސްމެއެވެ. މިކަން ދިމާވެގެން ކައިރި މާޒީގައި މީހަކު ފަރުވާ ހޯދިކަން އެނގިފައި ނުވެއެވެ.

ހުންނަ ޖެނެޓިކް ޑިސްއޯޑަރ އެއްގެ ސަބަބުން މި ކުއްޖާގެ ދެ ކިޑްނީގެ ތެރެއިން އެއް ކިޑްނީ އިންނަނީ ފައިގައެވެ. ކިޑްނީ ބޮޑުވަމުން ދަނީވެސް ފައިގައެވެ. މިކަންވެފައިވަނީ އާއްމުންނެކޭ އެއްވަރަށް، ޞިއްޙީ ފަރާތްތަކާއި ސައިންސްވެރިންވެސް ހައިރާން ކޮށްލި ކަމަކަށެވެ.

މި ކިޑްނީ ނެގުމަށް ޑޮކްޓަރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ. ސަބަބަކީ ކިޑްނީގެ ސަބަބުން ހަމިޝް އަށް އެއްވެސް ޞިއްޙީ މައްސަލައެއް ކުރިމަތިވެފައި ނުވުމެވެ. އެހެންނަމަވެސް، އިތުރު ޞިއްޙީ މައްސަލަތަކަކާ އޭނާ ދަނީ ކުރިމަތިލަމުންނެވެ. އެސްތުމާ، މައިބަދައިގެ މައްސަލަތައް، އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ދަތިތައް މިއީ އޭނާ ކުރިމަތިލަމުންދާ ކަންކަމެވެ.

ހަމިޝްގެ މަންމަ ބުނެފައިވާ ގޮތުގައި އޭނާ ވިހާފައިވަނީ ވިހަން ދިން ތާރީޚުގެ ހަ ހަފްތާ ކުރިންނެވެ. އަދި ބަރުދަންވެސް އޭރު ވަރަށް ލުޔެވެ. ތިން ހަފްތާ ފަހުން ހޮސްޕިޓަލުން ގެއަށް ދޫކޮށްލިއެވެ. އެހެންނަމަވެސް، ބޮޑުވަމުން އައި އިރު މައްސަލަތަކެއް ހުރިކަން ދިޔައީ ފާހަގަވަމުންނެވެ. އެގޮތުން 17 މަސް ފުރުނުއިރުވެސް ވާހަކަ ނުދެއްކުމަކީ އެކަންކަމަށް ލޯހުޅުވާލަދިން ކަމެވެ.

މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެއްކަމަށްވާއިރު، ހަމިޝްގެ ހާލަތާ ގުޅޭގޮތުން ޞިއްޙީ ދާއިރާގެ ލިޔުންތައްވެސް ލިޔެވިފައިވެއެވެ.