ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ފުރަތަމަ ދަރިފުޅަށް މަރުޙަބާ ކިޔަން ޝާހީ އާއިލާ ދަނީ ތައްޔާރު ވަމުންނެވެ. މިހާރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޭގަން ވިހަން ހަމަޖެހިފައި ވަނީ ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް ވެސް އުފަންވި އަދި ޕްރިންސް ވިލިއަމްގެ ތިން ބޭފުޅުން ވެސް އުފަންވި އެސްޓީ މޭރީސް ހޮސްޕިޓަލްފައެވެ.

އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެސްޓީ މޭރީސް ހޮސްޕިޓަލްގެ މާބަނޑު މީހުންނަށް ހާއްސަ ލިންޑޯ ވިންގްގެ އެއްވެސް މުވައްޒަފަކަށް އަންނަ އޭޕްރިލް މަހުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތައް ވަނީ ޗުއްޓީ ދިނުން ހުއްޓާލާފައެވެ.

މޭގަން ވިހާނެ ކަމަށް ލަފާ ކުރެވެނީ އޭޕްރިލް މަހުގެ ފަހުކޮޅު ނުވަަތަ މެއި މަހުގެ ކުރީ ކޮޅުގައެވެ. މޭގަންގެ ބަނޑަށް މިހާރު ހަމަސް ވެއްޖެއެވެ.

"މޭގަން ވިހަން ދާނީ ކޮން ހޮސްޕިޓަލަކަށް ކަމެއް އަދި ޔަގީނެއް ނޫން. ނަމަވެސް މިހާރު ލިންޑޯ ވިންގްގެ ހުރިހާ މުވައްޒަފުންނަށް އަންގާފައި ވަނީ އޭޕްރިލް މަހު އެއްވެސް ޗުއްޓީއަކަށް ނުދެވޭނެ ކަމަށް." ނަން ހާމަނުކުރާ ގޮތައް މައުލޫމާތު ދިން މީހަކު ބުންޏެވެ.

މޭގަން ވިހާނެ ދުވަހެއް އަދި ޝާހީ އާއިލާއަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް ދާދިފަހުން ރަސްމިއްޔާތެއްގެ ތެރެއިން މޭގަން އާއި ވާހަކަ ދެއްކި ނުވަ އަހަރުގެ ކުއްޖަކު މޭގަން އާއި ސުވާލު ކުރުމުން މޭގަން ބުނެފައި ވަނީ އޭނާ ޑިއު ޑޭޓަކަށް ވާނީ އޭޕްރިލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީ ކޮޅުގެ ދުވަހެއް ކަމަށެވެ.

ލިންޑޯ ވިންގް އަކީ އެންމެ މަތީ ފެންވަރުގެ މީހުންނަށް ހާއްސަ ކޮށްފައި ހުންނަ ސޫޓެކެވެ. އެތަނަކީ ހޮސްޕިޓަލަކުން ލިބޭނެ ހުރިހާ ޚިދުމަތެއް ހުރި އެޕާޓްމަންޓެކެވެ.